24 Nov 2019, 12:42
އަންނަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ހިފައިފި އެވެ.
މިއަހަރު ރާއްޖެ ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަމާޒަކީ ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ އަމާން، އެންމެ ރީތި ގައުމަށް ހެދުން ކަމަށެވެ.
"އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ގެނައުން. އެއީ ބުރަ މަސައްކަތަކަށް ވާނެ. ބުރަ މަސައްކަތްކޮށްގެން ހާސިލް ނުވާނެ ކަމެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅިުވީ، ދެ މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްވުން ފަހަގަ ކުރުމުގައި ރައީސް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ރާއްޖެ ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ --- ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަހަރު ރާއްޖެއިން ކަނޑައެޅި ޓޫރިސްޓު އެރައިވަލް ޓާގެޓަކީ 1.5 މިލިއަނެވެ.
ސަރުކާރުން ކަނޑައެޅި ޓާގެޓު، އަހަރު ނިމެން ބާކީ އެއްމަސް އޮއްވާ ހާސިލްވުމަކީ ބޮޑު ކާމިޔާބެއްކަމަށް ވިދާޅުވެ، މިނިސްޓަރު އަލީވަހީދު ވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އެމްއެމްޕީއާރުސީ އާއި ޕްރައިވެޓް ސެކްޓާ ކުންފުނިތައް އަދި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"ފަތުރުވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިއެރުވުުމަށް އެންމެ މުހިއްމު ކަމަކީ ގައުމުގެ ހަމަޖެހުން. ރާއްޖެއަށް މިއަދު ސިޔާސީ ގޮތުންވެސްހަމަޖެހުން އައިސްފައިވާއިރު، ގައުމުގެ ހަމަޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތް ފާހަގަކުރަން. އަޅުގަނޑުމެން މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންގެ ނަމުގައި ޝުކުރު އަދާކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މި ދައުރު ނިމޭއިރު 2.5 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒުކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ދެން އަޅުގަނޑުމެންގެ އަމާޒަކީ މަހުން މަހަށް އަހަރުން އަހަރަށް ވަކި ޓާގެޓެއް ހާސިލް ކުރުމަށް ވުރެ ދެން އޮތް މައިލްސްޓޯން އަކީ ދެ މިލިއަަން ކަމަށް ކަނޑައެޅުން. އޭގެ މާނައަކީ އަންނަ އަހަރު ޑިސެމްބަރު 31 އަށް ދެ މިލިއަން ނުވުމަކީ އެމްއެމްޕީއާރުސީ އާއި އިންޑަސްޓްރީގެ އެންމެން އަދި މިނިސްޓްރީ އިން ކުރާ މަސައްކަތް ފެއިލްވުމެއް ނޫނޭ. އޭގެ ޕްރެޝަރެއް ނެތް. އެހެން ނަމަވެސް ސަރުކާރުން އެންމެ ބޭނުންވަނީ ދެ މިލިއަން ރީޗް ވާން. ކުރިއަށް އޮތް ދެ އަހަރު އެ އެޗީވް ވާނެ، އަޅުގަނޑުމެން ހިތްވަރާއެކު މަސައްކަތްކުރާނަން އަންނަ އަހަރު އެ ޓާގެޓް އެޗީވް ކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.
މިއަހަރު ރާއްޖެ ޒިޔާރަތްކުރި 1.5 ވަނަ ފަތުރުވެރިޔަކީ ރަޝިއާގެ މަރީނާ ކަސައޯވާ އެވެ. މިއީ މަރީނާ ރާއްޖެ ޒިޔާރަތްކުރި ހަތް ވަނަ ފަހަރެވެ. މިނިސްޓަރު އަލީ ވަހީދު ވަނީ އަންނަ އަހަރުގެ ވޯލްޑު ޓޫރިޒަމް ޑޭ ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް މަރީނާ އަށް ދައުވަތު ދެއްވައިފަ އެވެ.