ނަގޮޔާ (ނޮވެމްބަރު 24) : ދުނިޔޭގައި ހަމަނުޖެހުން އުފެއްދުމުގެ ފަހަތުގައިވާ މައިގަނޑު ފަރާތަކީ އެމެރިކާ ކަމަށް ޗައިނާއިން ބުނެ އެވެ.

ޖަޕާންގެ ނަގޮޔާގައި އިއްޔެ ނިމުނު ޖީ 20 ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ ވިދާޅުވީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާ އަދި ޓެރަރިޒަމާ ހަނގުރާމަ ކުރުންފަދަ ނަންތަކާއި ޝިޢާރުތަކާއި ހުއްޖަތްތައް ބޭނުންކޮށްގެން އެމެރިކާއިން ދުނިޔެގެ އެތަށް ގައުމެއް ހަމަނުޖެހުންތަކުގެ ތެރެއަށް ވައްޓާލަމުން ގެންދާކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޗައިނާގެ ސަރަހައްދެއްކަމަށްވާ ހޮންގްކޮންގް ގައި ހަމަނުޖެހުން އުފައްދަން ކުރާ މަސައްކަތަކަށް އެމެރިކާ ތާއީދުކުރާ މައްސަލަ ޗައިނާގެ ޚާރިޖީ ވަޒީރު ކުށްވެރި ކުރެއްވިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރުގެ ވާހަކަތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ޗައިނާއާ ދެކޮޅަށް އެމެރިކާ ހިންގަމުން ގެންދާ އެކި ބާވަތުގެ އަމަލުތަކަށެވެ. މިގޮތުން ދުނިޔޭގެ ގައުމުތަކުގެ ތަރައްގީ އަށް ޗައިނާއިން ހިލޭ އެހީ އާއި ލޯންފަދަ ތަކެތި ދިނުމުން އެއީ ގައުމުތަކަށް ނުފޫޒު ފޯރުވައި ގައުމުތައް ދަރުވާލުމަށް ކުރަމުން ގެންދާކަމަށް ބުނެ ދުނިޔޭގައި ޗައިނާ ބަދުނާމުކުރުމަށާއި ޗައިނާގެ ވިޔަފާރިއަށް ހުރަސްއެޅުމަށްޓަކައި އެމެރިކާގެ މަސްއޫލުވެރިން ދުނިޔޭގެ ގައުމުތަކަށް ދަތުރުކުރައްވައި ޗައިނާއާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޚާރިޖީ ވަޒީރު ވާންގްޔީ ވިދާޅުވިއެވެ.

ޗައިނާގެ ވިޔަފާރިއަށް ހުރަސްއެޅުމުގެ ގޮތުން އެމެރިކާ ހިންގާ އަމަލުތަކަށް ބައްލަވާލައްވަމުން ޗައިނާގެ ބެލްޓް އެންޑް ޜޯޑްގައި އިނިޝިއޭޓިވްގައި ބައިވެރިވާ ގައުމުތަކަށް އެމެރިކާ ބިރު ދެއްކުމާއި އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން ޓެރިފް ބޮޑުކޮށް މިނިވަން ވިޔަފާރިއަށް ހުރަސްއެޅުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތްތަކަށް ވާންގްޔީ ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

އަދި އެމެރިކާގެ ހަތިޔާރު ނޫން ހަތިޔާރު ގަންނަ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސިޔާސަތެއް އެމެރިކާއިން ކުރިޔަށްގެންދާ މައްސަލައާއި ޗައިނާގެ ސްމާޓް ފޯނުގެ ސިނާއަތާ ދެކޮޅަށް އެމެރިކާ އަޅަމުންދާ ފިޔަވަޅުތައްވެސް ވާންގްޔީ ކުށްވެރި ކުރެއްވިއެވެ.

މީގެއިތުރުން ދެކުނު ޗައިނާ ކަނޑުގެ މައްސަލަތަކުގެ ތެރެއަށް އެމެރިކާ ވަންނަމުންދާ މައްސަލާގައިވެސް ވާންގްޔީ އެމެރިކާއަށް ފާޑު ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)