24 Nov 2019, 10:42
މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެންނަން ކަނޑައެޅި ޓާގެޓް ކަމަށްވާ، 1.5 މިލިއަން ޓޫރިސްޓުން މިއަދު ރާއްޖެއިން ހަމަކޮށް އެ ލަނޑުދަޑި ހާސިލްކޮށްފި އެވެ. އެ ފަތުރުވެރިޔާ އަށް މިއަދު ވަނީ ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ.
ރާއްޖެއަށް އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ހަރަކާތެއް ބާއްވައިފަ އެވެ.
ރާއްޖެއަށް އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިޔާގެ، މެރީނާ ކަސައޯވާ އެވެ. އޭނާ ރާއްޖެ އައީ، މިއަދު ހެނދުނު އައި ފްލައިޓަކުންނެވެ.
އެ ޝަރަފާއެކު މަރީނާ އަށް ވަނީ ހާއްސަ ހަދިޔާތަކުގެ ގޮތުގައި، މިރިހި އައިލެންޑް ރިސޯޓުން ޗުއްޓީ ދަތުރެއް ދީފަ އެވެ. މި ދަތުރުގެ ޓިކެޓު ސްޕޮންސާކޮށްފައިވަނީ އެމްއެމްޕީއާރުސީ އިންނެވެ. އަދި ހާއްސަ ސެޓްފިކެޓެއްވެސް އޭނާއަށް ދީފައިވެ އެވެ.
މީގެ އިތުރުން ރާއްޖޭގެ އަތްތެރި މަސައްކަތް ދައްކައިދޭ ލިޔެލާ ޖެހި އުފެއްދުންތައްވެސް ވަނީ މަރީނާ އަށް ހަދިޔާ ކޮށްފަ އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1.4 މިލިއަނެވެ. މިއަހަރު އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވަމުން އަންނައިރު އެމެރިކާ އަދި އޮސްޓްރޭލިއާ މާކެޓުވެސް ދަނީ ކުރިއަރަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ސަރުކާރު އަދި އެމްއެމްޕީއާރުސީ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފަތުރުވެރިކަމުގެ ސީޒަން ފެށިފައިވާއިރު މިއަހަރު ރެކޯދު އަދަދަކަށް ރާއްޖެ އަށް ޓޫރިސްޓުން އަންނާނެއެވެ.