ދުނިޔޭގެ 80 ޕަސެންޓަށް ވުރެ ގިނަ ކުޑަކުދިން، އެ އުމުރުގައި ކަސްރަތު ކުރަން ޖެހޭ މިންވަރަށް ކަސްރަތު ނުކުރާ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގައިވެސް ގިނަ ކުޑަކުދިން މިހާރު ބޭނުންވާ ވަރަށް ހެލެފެލިވެ ނޫޅެ އެވެ. އަދި އޭގެ ސަބަބުން އެކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި އެއީ ސިކުނޑީގެ ތަރައްގީއަށާއި އެހެން ކުދިންނާ އެކުވެރިވެ އުޅުމަށް ހުރަސް އެޅޭ ކަމެއް ކަމަށް އެޖަމްއިއްޔާއިން ބުންޏެވެ.

އެ ދިރާސާގައި ބައިވެރިވި، ޑރ. ފިއޯނާ ބުލް ވިދާޅުވި ގޮތުގައި ކުޑަކުދިން ހަރަކާތްތެރިވެ އުޅޭ މިންވަރު މަދުވެފައި ވަނީ އެކުދިން ކަންނެތްވުމުގެ ސަބަބުނެއް ނޫނެވެ. ނަމަވެސް މުޅި ދުނިޔޭގައިވެސް ހެލިފެލިވެއުޅުމަށް އިސްކަންދޭ މިންވަރު މަދުވެފައި ވުމުންނެވެ.

އެގޮތުން މިހާރު ޖިސްމާނީ ދުޅަހެޔޮ ކަމަށް ވުރެ ސްކޫލުން ލިބޭ ގްރޭޑުތަކަށް އިސްކަން ދިނުމާއި ކުޅިވަރު ކުޅޭ ތަންތަނަކީ ރައްކާތެރި އަދި ހުރިހާ ކުދިންނަށްވެސް ބޭނުން ކުރެވޭ، އަގު ހެޔޮ ތަންތަނަށް ނުހެދުމަކީވެސް އެއް މައްސަލަ ކަމަށް ދިރާސާގެ ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން ފޯނާއި ޓެބްލެޓާއި ކޮމްޕިއުޓަރު ފަދަ އާލާތްތައް ބޭނުން ކުރުން އިތުރުވުމަކީވެސް ކުދިން ހެލިފެލިވެ އުޅޭ މިންވަރު ކުޑަވުމަށް މެދުވެރިވާ އެއް ސަބަބުކަން އެރިޕޯޓުގައިވެ އެވެ.

ޑަބްލިއުއެޗްއޯގެ ދިރާސާ 146 ގައުމެއްގައި ކުރިއަށްގެންދިޔަ އިރު އޭގެ ތެރެއިން ހަތަރު ގައުމު ފިޔަވާ ހުރިހާ ގައުމެއްގައިވެސް ފިރިހެން ކުދިންނަށްވުރެ އަންހެން ކުދިން ހަރަކާތްތެރިވެ އުޅޭ މިންވަރު މަދު ކަމަށް އެޖަމްއިއްޔާއިން ބުންޏެވެ.

އެގޮތުން އެންމެ ގިނަ ކުދިންނަށް ދުވާލަކު އެއް ގަޑިއިރުގެ ކަސްރަތު ލިބޭ ކަމަށް ފާހަގަ ކުރެވިފައި ވަނީ ބަންގުލަދޭޝްގަ އެވެ. އަދި އެންމެ ކުޑަކޮށް ހަރަކާތްތެރިވެ އުޅޭ ކަމަށް ފާހަގަ ކުރެވިފައި ވަނީ ފިލިޕީންސްގެ (93 ޕަސެންޓު) ފިރިހެން ކުދިންނާއި ދެކުނު ކޮރެއާގެ (97 ޕަސެންޓު) އަންހެން ކުދިންނެވެ.

މީގެ އިތުރުން ފިރިހެން ކުދިންނަށްވުރެ އަންހެން ކުދިން ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރު ކަމަށް ހޯދިފައި ވަނީ ޓޮންގާ، ސަމޯއާ، އަފްގާނިސްތާން އަދި ޒެމްބިއާގަ އެވެ. އަދި ގިނަ ގައުމުތަކުގައި އަންހެން ކުދިން ކަސްރަތު ކުރާ މިންވަރު މަދުވާ ސަބަބުތަކުގެ ތެރޭގައި ސަގާފަތް އޮންނަ ގޮތުންނާއި އަންހެން ކުދިންނަށް ވުރެ ބޮޑަށް ފިރިހެން ކުދިން ކުޅޭ ކުޅިވަރުތަކަށް އިސްކަން ދިނުން ހިމެނެ އެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ކުޑަކުދިން ހަރަކާތްތެރިވެ އުޅޭ މިންވަރު މަދުވުމަކީ ސީރިއަސް އަދި ވީހާވެސް އަވަހަށް ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށް ބުނެފަ އެވެ. އެގޮތުން ކުޑަކުދިންގެ ސިއްހަތާ ގުޅުން ހުރި ސިޔާސަތުތަކަށް ބަދަލު ގެނެސް، ހާއްސަކޮށް އަންހެން ކުދިން ކަސްރަތު ކުރުމުގައި ބައިވެރި ކުރުމަށް އިތުރު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެޖަމްއިއްޔާއިން ބުންޏެވެ.

ޑަބްލިއުއެޗްއޯއިން ލަފާ ދެނީ ކުޑަކުދިން ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ގަޑިއިރަށް ހަރަކާތްތެރިވެ އުޅުމަށެވެ. އަދި އޭގެ ތެރޭގައި ދުވުމާއި ފެތުމާއި ކުޅިވަރު ކުރުމާއި އެހެން ނޫނަސް، ހިތް އަވަސްކޮށް، ފުންކޮށް ނޭވާލުމަށް މަގުފަހިކުރުވާ ހަރަކާތްތައް ހިމެނިދާނެ އެވެ.

އެޖަމްއިއްޔާއިން ބުނާ ގޮތުގައި އެގޮތަށް ކަސްރަތު ކުރުމުން ހިތާއި ފުއްޕާމޭގެ މަސައްކަތް ރަނގަޅުކޮށް، ކަށި ވަރުގަދަކޮށް، ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ އެވެ. އަދި އެކުދިން ބޮޑުވުމުންވެސް ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުވާނެ ކަމަށާއި ދިގު މުއްދަތުގެ ފައިދާއަށް ބަލާ އިރު ހާޓް އެޓޭކާއި ސްޓްރޯކާއި ހަކުރު ބައްޔާއި އެހެނިހެން ގިނަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ އެވެ.