ހައްދު ފަހަނައަޅާފައިވާ މީހުން ހިންގާ އެއްވެސް ހަރުކަށި ފިކުރުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

އައިސިސްގެ ދިދަ ހިފައިގެން ރާއްޖޭގައި މީގެ ކުރިން ބޭއްވި ހިނގާލުމެއްގެ ތެރޭގައި ޝިދާތާ ހުންނަވާކަމަށް ބުނެ މީސް މީޑިއާގައި ފޮޓޯއެއް ދަނީ ދައުރުވަމުންނެވެ.

ނަމަވެސް އެކަން ދޮގުކުރައްވައި ޝިދާތާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފޮޓޯގައިވާ ފަރާތަކީ އޭނާކަމަށް ސިފަކޮށް ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު މައުލޫމާތު އާންމުކުރާތީ ހިތާމަކުރާ ކަމަށެވެ.

"ހަރުކަށި ފިކުރު ފަތުރައި އެ ފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެއްވެސް ހަރަކާތެއްގައި އަޅުގަނޑު ބައިވެރިވެފައި ނުވާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން" ޝިދާތާ ވިދާޅުވި އެވެ.

ދާދި ފަހުން ފާސްކުރި ޓެރަރިޒް ގާނޫނުގެ ދަށުން އައިއެސް ނުވަތަ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރުމާއި އެފަދަ ޖަމާއަތްތަކަށް ވާގިދޭ ފަދަ ވާހަކަ ދެއްކުމާއި، އަދި އެފަދަ ޖަމާއަތެއް ރަމްޒުކޮށްދޭ ދިދައެއް ލޯގޯއެއް އަދި ޓީޝާޓެއް ބޭނުން ކުރުމަކީވެސް ކުށެކެވެ.

ށ. މާއުނގޫދޫއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދަ ފާރުތަކުގައި ސުޕްރޭކުރި މައްސަލައެއް ރޭ ފެންމަތިވެފައިވެ އެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ހަރުކަށި ފިކުރުމުގެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށް ފަހު ވަނީ މޫދަށް އެއްލާލައިފަ އެވެ.