ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބުރާ)ގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ އިބްރާ ކުރައްވާ ދައުވާގައި އިބްރާގެ ކިބައިން މުއްތަލިބު މައާފަށް އެދިވަޑައިގަތުމަށް ހުކުމް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިބްރާ ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އަބުރާބެހުމުގެ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދުގެ ދަށުން ބަދަލު ނަގައިދެވޭނެ ކަމަށް ބަޔާންވެގެން ވަނީ ދެބަދަލެއްކަމާއި އެއީ މައުނަވީ ގެއްލުމުގެ ބަދަލާއި މާއްދީ ގެއްލުމުގެ ބަދަލުކަމަށެވެ. އަދި އެއިން ކޮންމެ ގެއްލުމަކަށް ވެސް ބަދަލެއްގެ ގޮތުގައި ކަނޑައެޅިފައި ވަނީ މާލީ ބަދަލެއްކަން އެނގެން އޮންނަ ކަމަށެވެ.

އިބްރާގެ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ މީހެއްގެ އަބުރަކީ ފައިސާއަށް ބަދަލުކުރެވޭނެ އެއްޗެއްނޫން ކަމަށެވެ.
އަފީފް ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ކޮންމެ މީހަކަށް ވެސް އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި އެ ހައްގު ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. އަދި އެ ހައްގު ހިފެހެއްޓޭނެ ގާނޫނެއް މިހާތަނަށް ފާސްކޮށްފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ގާނުނެއް މިހާތަނަށް ފާސްކުރެވިފައި ނުވާ އިރު ގަވާއިދަކުން އެހައްގު ނުހިފެހެއްޓޭނެ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ވަރަށް ފުރިހަމަ ހުކުމެއް ކަމަށެވެ.
"ބިނާކުރަނިވި އަދުލުވެރި ގޮތަކަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ. މި މައްސަލައިގައި އަޅުގަނޑު އިތުރަށް ދައްކާނެ ވާހަކައެއް ނެތް،" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމާއި ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިބްރާގެ ފަރާތުން ދައްކަވާފައިވާ ވާހަކަތަށް ވަރަށް ތަފާތުކަމަށެވެ. އިބުރާގެ ދައުވާގައި ސިވިލް ކޯޓުގެ ދައުވާގައި ނުހިމެނޭ ކަންތައްތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިންވަމާލެއްވީ ކަމަށާއި މައްސަލަ ދިރާސާ ކުރެއްވުމުގައި އިތުރުކަމެއް ސާފްކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރެއްވުން ކަމަށެވެ.

ޖޫން7،2010 ގައި ދިޓީވީގައި މުއްތަލިބު ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ މަންދު ކޮލެޖުގެ އިމާރާތް ރަޖިސްޓްރީކޮށްދީފައި ވަނީ ހުއްދަ ނެތި ކަމަށާއި އެމްއީއެސްގެ އިމާރާތް އިއުލާން ކުރުމެއްނެތި އިބްރާ އަށް ދީފައިވާ ކަމަށެވެ. އަދި ތައުލީމީ ފަންޑުން މަންދު ކޮލެޖަށް ލޯނު ދޫކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކަމަށް ވެސް މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.