24 Nov 2019, 08:54
ނަގޮޔާ (ސެޕްޓެމްބަރު 23) : ޖަޕާންގެ ނަގޮޔާގައި ކުކުރުދުވަހު ފެށި ޖީ 20 ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ނިންމާލައިފިއެވެ. ނިންމުމުގެ ޖަލްސާގައި ޖަޕާނުގެ ޚާރިޖީ ވަޒީރު ޓޯޝީމިޓްސޫ މޮޓެގީ ވަނީ ކުރިޔަށް އޮތް އަހަރު ޖީ 20 ގެ ގައުމުތަކުގެ ރިޔާސަތު ސައޫދީ އާ ހަވާލުކުރިކަން އިއްލާން ކުރައްވާފައެވެ. ނަގޮޔާ ގެ ބައްދަލުވުމަށްފަހު ޖަޕާނުންވަނީ ޖީ 20 ގައުމުތަކުގެ ރިޔާސަތު ސައޫދީ އަރަބިޔާއާ ހަވާލުކޮށްފައެވެ.
މި ބައްދަލުވުމުގައި ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ 20 ގައުމުގެ ޚާރިޖީ ވަޒީރުން މިބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ދުނިޔޭގެ އިގްތިސާދުގެ މުސްތަގްބަލާބެހޭގޮތުންނާއި ޖީ 20 ގެ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކޮށް ފުޅާކުރުމާބެހޭގޮތުންނެވެ. މީގެއިތުރުން ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކާއި ދުނިޔޭގެ ބައެއް ސިޔާސީ މައްސަލަތަކާއި ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތަކާބެހޭގޮތުން މި ގައުމުތަކުގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރެއްވިއެވެ.
ޖީ 20 ގައި ހިމެނެނީ ގައުމީ އާމްދަނީ (ޖީޑީޕީ) އަހަރެއްގެ މައްޗަށް އެއް ޓްރިލިޔަން ޑޮލަރަށް އަރާ ގައުމުތަކެވެ. ނަގޮޔާ ގެ ބައްދަލުވުމަކީ މިއަހަރު ބާއްވާ ޖީ 20 ގެ ގައުމުތަކުގެ އެންމެ ފަހުގެ ބައްދަލުވުމެވެ. ޖީ 20 ގެ ރިޔާސަތާ ސައޫދީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެގައުމުގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްޙާން އާލު ސުއޫދު އެވެ. ޖީ 20 ގެ ރިޔާސަތާ ސައޫދީ އަރަބިޔާއިން ހަވާލުވެފައި މިވަނީ ސައޫދީން އެގައުމުގެ އަވަށްޓެރި ޔަމަނަށް އަސްކަރީ ގޮތުންވަދެގަނެ ހަނގުރާމަފަށައި ޔަމަންގެ އާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތު ސައޫދީ ގެ މައްޗަށް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.
ސައޫދީ އާއި ޔޫއޭއީ އިސްކޮށް އޮވެގެންކުރާ ހަނގުރާމައިގާ ޔަމަންގެ ލައްކައަކަށްވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް އދ. ން ނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. މީގެއިތުރުން ސައޫދީ ސަރުކާރަށް ފާޑުކިޔާ އެގައުމުގެ މަޝްހޫރު ނޫސްވެރިއާ ޖަމާލް އަލްޚާޝުގްޖީ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ކަމުގެ ތުހުމަތު ސައޫދީ ބާރުގަދަ މީހާގެ ނަމުން ނަންދީފައިވާ އެގައުމުގެ ވަލީއުލްއަހްމަދު މުހައްމަދު ބިން ސަލްމާންގެ މައްޗަށްވަނީ ކުރެވިފައެވެ.
ސައޫދީއާއި ޔޫއޭއީން 2015 ވަނައަހަރުގެ ކުރީކޮޅު ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރު އަލުން އަނބުރައި އިޢާދަ ކުރުމުގެ ނަމުގައި (ޔަމަންގެ ވެރިކަމަށް އތަގްދަކޮށްގެން ތިބި ޙޫޘީންނާ ދެކޮޅަށް ކަމަށް ބުނެ) އެދެގައުމުން ޔަމަނަށް ދޭން ފެށި ހަމަލާތަކުގައި ޔަމަންގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ބާޒާރުތަކާ އަދި ގެދޮރާއި އޮފީސްތަކާއި ހޮޓާތައްފަދަ ތަންތަނަށް ހަމަލާދީ ޔަމަންގެ އިންފްރާސްޓްރަކްޗާ ހަލާކުކޮށްލާފައިވާއިރު އެދެގައުމުގެ ހަމަލާތަކުގައ ޔަމަންގެ އެތަށް ހާސްބަޔަކު ވަނީ މަރުވެގެންގޮސްފައެވެ.
މީގެއިތުރުން މިހަނގުރާމައިގެ ސަބަބުން ޔަމަންގެ އާބާދީގައި ހިމެނޭ ސައުވީސް މިލިޔަން މީހުންގެ ތެރެއިން އަށާރަ މިލިޔަން މީހުން ހައިހޫނުކަން ތަހައްމަލް ކުރަންޖެހިފައިވާއިރު ޔަމަންގެ ގިނަ ބަޔަކުވަނީ ކޮލެރާއާއި އެނޫންވެސް ނުރައްކާތެރި ރޯގާތަކާއި ބަލިމަޑުކަމުގެ ޝިކާރައަކަށްވެގެން ގޮސްފައެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ ޖީ 20 ގެ ރިޔާސަތާ ހަވާލުވުމަކީ ބައިނަލްއަގްވާމީ ދުނިޔޭގައި ސައޫދީއަށް ލިބިގެންދާ ކާމިޔާބީއެއްކަމަށް ސިފަކުރައްވާފައެވެ. (ނޫސްއެޖެންސީތައް)