23 Nov 2019, 22:35
ށ. މާއުނގޫދޫއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދަ ފާރުތަކުގައި ސުޕްރޭކޮށް ޖެހުމަށް ފަހު އެމީހުން ރަށުން ފައިބައިފި އެވެ.
މާއުނގޫދޫ ކައުންސިލުގެ މެމްބަރު މުހައްމަދު އިބްރާހިމް ވަހީދު 'ސަން' އަށް ވިދާޅުވީ އެރަށަށް ރޭ ބަޔަރު އަރައި އައިއެސްގެ ދިދަ ފާރުތަކަށް ސްޕްރޭކޮށްފައިވާ ކަމަށެވެ. އެގޮތަށް ސްޕްރޭ ކޮށްފައިވާ ފާރުތަކުގެ ފޮޓޯތަކެއް 'ސަން' އަށް ވަނީ ލިބިފަ އެވެ. ކައުންސިލުގެ މެމްބަރު ވިދާޅުވި ގޮތުން ދިދަ ފާރުތަކުގައި ޖެހީ ހުއިފިލަނޑާ ނަގާ ދޯންޏަކުން ފޭބި ބައެކެވެ. އެމީހުން ސްޕްރޭ އަދި އެކަމަށް ބޭނުންވާ ކުލަ ގަތީވެސް އެރަށުގެ ފިހާރައަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ފިހާރައިގައި ހުރި މީހާ ބުނި. އެބަޔަކު ފިހާރައިން ސުޕްރޭ ފަދަ ތަކެތި ގަތް ކަމަށް. އެކަމަކު އެމީހުން އެ ދިދަ ޖަހަނިކޮށް މީހުންނަށް ފެނުން ކަމެއް އެނގިފައެއް ނެތް. އެމީހުން އެކަމެއް ކޮށްފައި ދަންވަރު ރަށުން ފައިބައިގެން ގޮސްފި." މާއުނގޫދޫ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން އެރަށަށް އެރީ ހަތަރު މީހެކެވެ. އެމީހުން އެރީ ރޭ އިރާކޮޅު ކަމަށްވެސް ބުންޏެވެ. އެމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މުހައްމަދު އިބްރާހިމް ވަހީދު ވިދާޅުވި އެވެ. އަދި މާދަމާގެ ވަގުތެއްގައި ފުލުހުން އެރަށަށް ދާނެ ކަމުގެ މައުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހަޅައިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަނގުރާމަވެރި ޖަމާއަތްތަކަށް ތާއީދު ކުރުމާއި އެފަދަ ޖަމާއަތްތަކަށް ވާގިދޭ ފަދަ ވާހަކަ ދެއްކުމާއި، އަދި އެފަދަ ޖަމާއަތެއް ޖަމްޒުކޮށްދޭ ދިދައެއް ލޯގޯއެއް އަދި ޓީޝާޓެއް ބޭނުން ކުރުމަކީވެސް ކުށެކެވެ.
ރައީސް އާންމު ކުރެއްވި ދީނީ ހައްދުފަހަނަ އެޅި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި އައިއެސް ހިމެނެ އެވެ.