23 Nov 2011, 13:49
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދަތުރު ކުރުމަށް މެންޗެސްޓާގެ ދެކުލަބަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ. މެންސިޓީ އަށް ނާކާމިޔާބީ އާއި ކުރިމަތިވި އިރު، މެންޔުނައިޓެޑް ޖެހުނީ ޕޮއިންޓަކުން ފުއްދާލަން ށެވެ. ސްޕެއިންގެ ރެއާލް މެޑްރިޑްގެ ފަރާތުން ވަނީ ލަނޑަކަށް ފަހު ލަނޑެއް ފެނިފަ އެވެ.
އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީގެ ދެ ލަނޑާ އެކު މެންސިޓީގެ މައްޗަށް ނަޕޯލީ ވަނީ ކާމިޔާބު ހޯދައިފަ އެވެ. މެޗުގެ 17 ވަނަ މިނެޓުގައި ކަވާނީ ވަނީ ނަޕޯލީ އަށް ލީޑު ހޯދައިދީފަ އެވެ. މެންސިޓީ އަށް މެޗުގެ 33 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ މާރިއޯ ބަލޮޓެލީ އެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރު މިނެޓް ފަހުން ކަވާނީ ވަނީ އަލުން ނަޕޯލީ އަށް ލީޑު ހޯދައިދީފަ އެވެ. ގްރޫޕް އޭ ގައި ކުޅުނު މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ނަޕޯލީ ކުރީގައި އޮވެގެންނެވެ.
މިގްރޫޕުގައި ކުޅުނު އަނެއް މެޗު ވިޔަރެއާލް އާއި ވާދަކޮށް ބެޔާން މިއުނިކުން ވަނީ ކާމިޔާބު ހޯދައިފަ އެވެ. މެޗުގެ ތިންވަނަ މިނެޓުގައި ފްރޭންކް ރިބަރީ ބެޔާން އަށް ލީޑު ނަގައިދީފައި ވަނިކޮށް، ނެޗުގެ 23 ވަނަ މިނެޓުގައި މާރިއޯ ގޮމޭޒް ވަނީ އެލީޑު ފުޅާ ކޮށްދީފަ އެވެ.
މެޗުގެ ދެވަނަ ހާފް ފެށިތާ ފަސް މިނެޓް ފަހުން ޖޮނަތަން ޑި ގުޒްމަން ވަނީ ވިޔަރެއާލް އަށް ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. ބެޔާންގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ރިބަރީ އެވެ. މިލަނޑު ރިބަރީ ކާމިޔާބު ކުރީ މެޗުގެ 69 ވަނަ މިނެޓުގަ އެވެ. މިމެޗު ނިމިގެންދިޔައީ 3-1 ލަނޑުން ބެޔާން ކުރީގައި އޮވެގެންނެވެ. ތޭރަ ޕޮއިންޓާއެކު މިގްރޫޕުގެ އެއްވަނާގައި ބެޔާން އޮތްއިރު، އަށް ޕޮއިންޓާއެކު ދެވަނާގައި އޮތީ ނަޕޯލީ އެވެ. ހަތް ޕޮއިންޓާއެކު ތިން ވަނާގައި މެންސިޓީ އޮތްއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ވިޔަރެއާލް އެވެ.
މޮޅު ކުޅުމަކާ އެކު ޓްރަބްޒަންސްޕޯ އިން އިންޓަމިލާން ހިފަހައްޓައިފި އެވެ. ގްރޫޕް ބީ ގައި ކުޅުނު މިމެޗުގެ އަށާރަ ވަނަ މިނެޓްގައި އިންޓަމިލާން އަށް ލީޑު ހޯދައިދީނީ ރިކާޑޯ އަލްވަރޭޒް ޕުއިގް އެވެ. އޭގެ ފަސް މިނެޓް ފަހުން ހަލިލް އަލްޓިންޓޮޕް ވަނީ ޓްރަބްޒަންސްޕޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
މިގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ލިލޭ އިން ވަނީ ސީއެސްކޭއޭ މޮސްކޯގެ މައްޗަށް ކުރި ހޯދައިފަ އެވެ. މޮސްކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ 49 ވަނަ މިނެޓުގައި އެޓީމުގެ ވަސިލީ ބެރެޒުޓްސްކީ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި ލިލޭ އަށް ލީޑު ފުޅާކޮށްދިނީ މޫސާ ސޯ އެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން ލިލޭ ކުރީގައި އޮވެގެންނެވެ. ދިހަ ޕޮއިންޓާ އެކު ގްރޫޕް ބީ އެއްވަނާގައި އިންޓަމިލާން އޮތް އިރު، ހަ ޕޮއިންޓާ އެކު ދެ ވަނާގައި އޮތީ ޓްރަބްޒަންސްޕޯ އެވެ. ތިން ވަނާގައި ލިލޭ އޮތްއިރު އެންމެ ފުލުގައި އޮތީ މޮސްކޯ އެވެ.
ބެންފީކާ އިން ވަނީ މެންޗެސްޓާ ޔުނައިޓެޑް ހިފަހައްޓާފަ އެވެ. މެޗުގެ ތިން ވަނަ މިނެޓުގައި ބެންފީކާ އަށް ލީޑު ލިބުނީ މެންޔުނައިޓެޑްގެ ޑިފެންޑަރު ފިލް ޖޯންސް އަތުން ބައިކޮޅަށް ވަތް ލަނޑެއްގެ ސަބަބުންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި މެންޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިމިޓާ ބާބަޓޯވް އެވެ. މެޗުގެ 59 ވަނަ މިނެޓުގައި ޑެރަން ފްލެޗާ މެންޔުނައިޓެޑަށް ލީޑު ހޯދައިދީފައި ވަނިކޮށް، މިނެޓެއްތެރޭ ޕަބްލޯ އައިމާ ވަނީ ބެންފީކާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މިމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
ގްރޫޕް ސީ ގައި ކުޅުނު އަނެއް މެޗުން އެފްސީ ބާސެލް ކުރި ބާސެލް ވަނީ އޮޓެލުލް ގަލާޓީގެ ދަނޑުގައި ކާމިޔާބީ ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ދިހަ ވަނަ މިނެޓުގައި ބާސެލް އަށް ކާމިޔާބުކޮށް ދިނީ ފަބިއަން ފްރޭ އެވެ. އޭގެ ހަތަރު މިނެޓް ފަހުން އެލެކްސެންޑާ ފްރޭ ވަނީ ލީޑު ފުޅާކޮށްދީފަ އެވެ. ބާސެލްގެ ތިންވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކޯ ސްޓެލާ އެވެ.
އޮޓެލުލް ގަލާޓީ އިން ކާމިޔާބުކުރި ލަނޑުތައް ފެނިގެންދިޔައީ މެޗުގެ 75 އަދި 81 ވަނަ މިނެޓުގަ އެވެ. ގަލާޓީގެ ފުރަތަމަ ލަނޑު ގެބްރިއެލް ޖާޖޫ ކާމިޔާބު ކޮށްދިން އިރު ދެވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ލިވޫ އަންޓަލް އެވެ. މިމެޗު ނިމިގެންދިޔައީ 2-3 ލަނޑުން ބާސެލް ކުރީގައި އޮވެގެންނެވެ. މިގްރޫޕުގެ އެއްވަނާގައި އޮތީ ބެންފީކާއާި މެންޔޫއެވެ. އެހެންނަމަވެސް ގޯލްގެ ތަފާތުން ކުރި ލިބެނީ މެންޔޫ އަށެވެ. މި ދެޓީމަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަށް ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނާގައި ބާސެލް އޮތްއިރު، ޕޮއިންޓެއް ނިލިބި ފުލުގައި އޮތީ ގަލާޓީ އެވެ.
ދެވަނަ ބުރަށް ކޮލިފައިވެފައިވާ ރެއާލް މެޑްރިޑުން ވަނީ ޑައިނަމޯ ޒަގްރެބް ކޮޅަށް ގިނަ ލަނޑުތަކެއް ކާމިޔާބު ކޮށް ގްރޫޕުގެ އެއްވަނާގައި އޮވެ ދަތުރު ކުރުމުގެ ފުރުސަތު ބޮޑު ކޮށްފައެވެ. މެޗުގެ ދެވަނަ މިނެޓުގައި ކަރިމް ބެންޒެމާ ރެއާލް އަށް ލީޑު ނަގައިދިންތާ ހަތަރު މިނެޓް ފަހުން ހޯސޭ މާރިއާ ކަލެހޮން ވަނީ ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ރެއާލްގެ ތިންވަނަ ލަނޑު ގޮންޒާލޯ ހިގުއައިން ކާމިޔާބު ކޮށްދިން އިރު، ވިހި ވަނަ މިނެޓުގައި ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެސުޓް އޮޒިލް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ވިހި މިނެޓްތެރޭ ރެއާލް އިން ކާމިޔާބު ކުރި ހަތަރު ލަނޑާއެކު ކުރީގައި އޮވެގެންނެވެ.
މެޗުގެ 49 ވަނަ މިނެޓުގައި ރެއާލްގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ކަލެހޮން އެވެ. މެޗުގެ 66 ވަނަ މިނެޓުގައި ރެއާލްގެ ހަ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ބެންޒެމާ އެވެ. ޒަގްރެބް އިން ވަނީ މެޗުގެ 81 ވަނަ މިނެޓުގަ އާއި އެންމެ ފަހު މިނެޓުގައި ދެލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލަނޑު ފަޓޮސް ބެސިރަޖް ކާމިޔާބު ކޮށްދިން އިރު، ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އިވާން ޓޮމެޗަކް އެވެ. މިމެޗު ނިމިގެންދިޔައީ 6-2 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.
ގްރޫޕް ޑީގެ އަނެއް މެޗުގައި ލިޔޯން އާއި އަޔެކްސް އެމްސްޓެޑަމް ކުޅުނު މެޗު ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. 0-0 ލަނޑުން ނިމިގެންދިޔަ މިމެޗުން ދެޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފަނަރަ ޕޮއިންޓާއެކު މިގްރޫޕްގެ އެއްވަނާގައި ރެއާލް އޮތްއިރު، އަށް ޕޮއިންޓާއެކު ދެވަނާގައި އޮތީ އަޔެކްސް އެވެ. ފަސް ޕޮއިންޓާއެކު ތިންވަނާގައި ލިޔޯން އޮތްއިރު، ޕޮއިންޓެއް ނުލިބި ގްރޫޕުގެ އެންމެ ފުލުގައި އޮތީ ޒަގްރެބް އެވެ.