ދެހާސް ނުވަ ވަނަ އަހަރު މަރުވި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ނެށުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ފިލްމެއް ހެދުމަށް ތައްޔާރުވެއްޖެ އެވެ.

މައިކަލް ޖެކްސަންގެ ބައިޔޯޕިކް އެއް އުފެއްދުމަށް މައިކަލް ޖެކްސަން އެސްޓޭޓްއާ އެކު ޑީލެއް ހަދާފައިވަނީ މަޝްހޫރު ޕްރޮޑިއުސަރު ގްރޭހެމް ކިންގް އެވެ. ގްރޭހެމް އަކީ ދާދި ފަހުން ނެރެފައިވާ ބަޔޯޕިކް ކަމަށްވާ "ބޮހީމިއަން ރެޕްސޮޑީ"ގެ ވެސް ޕްރޮޑިއުސަރެވެ.

މައިކަލް ޖެކްސަންގެ ފިލްމު އުފެއްދުމަށް އެއްވެސް ޕްރޮޑަކްޝަން ލޭބަލެއް އަދި ހަމަޖައްސާފައި ނުވި ނަމަވެސް އެ ފިލްމުގެ ސްކްރީން ރައިޓަރަކަށް މީހަކު ވަނީ ހަމައްސާފައެވެ. އެފިލްމުގެ ސްކްރީން ރައިޓިން މަސައްކަތް ކުރާނީ "ގްލޭޑިއޭޓާ" އަދި "ދަ އޭވިއޭޓާ" ފަދަ ފިލްމުތަކުގެ މަސައްކަތް ކޮށްފައިވާ ޖޯން ލޯގަން އެވެ.

އެ ފިލްމު ނެރޭނެ ދުވަހެއް ހާމަކޮށްފައި ނުވާއިރު އެ ފިލްމުގެ ކާސްޓިންގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

ކިންގް ބުނާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި އެ ފިލްމުގެ ޕްރޮޑަކްޝަން ފެށިގެންދާނެއެވެ.

މައިކަލް ޖެކްސަން މަރުވެފައިވަނީ 25 ޖޫން 2009 ވަނަ އަހަރުގައި ޑްރަގް އޯވަރޑޯޒް ވެގެންނެވެ.