23 Nov 2019, 18:55
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އޮފީސް ފަޅާލައި، ބައެއް ތަކެއްޗަށް ގެއްލުން ދީފިއެވެ.
މޭޔަރު ޝިފާ 'ސަން'އަށް ވިދާޅުވީ މިއަދު ހެނދުނު 11:30 ހާއިރު އޮފީހަށް ދިޔައިރު، ބަޔަކު އެތަނަށް ވަގަށް ވަދެ، އޮފީހުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންތަކެއް ދީފައި ހުރި ކަން އެނގުނު ކަމަށެވެ.
"އޮފީހުގެ ކުޑަދޮރުގައި ޖަހާފައިހުރި ތޭރިތައް ނައްޓާލާފައި، ތަންޑު މަތާލައިގެން ވަދެފައި ހުރީ. އެ ބަޔަކު ހުރީ އަޅުގަނޑުގެ މޭޒުގެ ވަތްގަނޑުތަކުގައި ލިޔެކިޔުންތައް ހާވާފައި. އަޅުގަނޑުގެ ބަޔަށް ވަންނަ މައި ދޮރަށް ވެސް ހުރި ގެއްލުންތަކެއް ދީފައި، އެތަނުން ނިކުންނަން ވެގެން." ޝިފާ ވިދާޅުވިއެވެ.
ޝިފާގެ އޮފީހަށް ވަގަށް ވަދެ ލިޔެކިޔުންތައް ހާވާފައިވާއިރު، ޝިފާ ވިދާޅުވީ ބަޔަކަށް ސިއްރު ކުރަންޖެހޭ ފަދަ އެއްވެސް ލިޔުމެއް އެތަނުގައި ނުހުންނާނެ ކަމަށެވެ.
އޮފީހުގައި ހުރި ސިސްޓަމްތަކަށާއި އިތުރު އެއްވެސް އެއްޗަކަށް ގެއްލުމެއް ދީފައިނުވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުޤީގު ކުރަމުންދާ ކަމަށް ޝިފާ ވިދާޅުވިއެވެ.
މޭޔަރު ޝިފާގެ އޮފީހަށް ބަޔަކު ވަގަށް ވަދެފައިވާއިރު، ޝިފާ ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލައިގައި އިންޒާރުގެ މެސެޖުތަކެއް ވެސް ލިބެމުންދާ ކަމަށެވެ.
ސިޓީ ކައުންސިލުގެ ބައެއް މެމްބަރުންގެ މެދުގައިވެސް މޭޔަރު ޝިފާއާ މެދު ހިތްހަމަ ނުޖެހުން އޮތްކަން ވަނީ ހާމަކޮށްފަ އެވެ. އަދި ޝިފާއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައިވެސް ބައެއް މެމްބަރުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.