25 Nov 2019, 09:26
މުހައްމަދު ރަފާހް އަހްމަދަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޯޓިސްޓިކް ކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެވެސް އެހެން ކުދިންނާއި ތަފާތެވެ. ވާހަކަދެއްކުމާއި، އިށީދެއިނުމާއި، ހަރަކާތްތެރިވެ އުޅުމާއި އެހެން މީހުންނާއި ގުޅިގެން އުޅުމުގައި އޭނާ އެހެން ކުދިންނާ ތަފާތެވެ. މާބަނޑު ދުވަސްވަރު މިފަދަ އެއްވެސް ކަމެއް ދަރިފުޅުގެ ކިބައިގައި ހުރިކަން ދެނެނުގަނެވުނަސް، އެންމެ އަށް މަހުގައި އެމެޖެންސީ ސިޒޭރިއަންއަކުން ދަރިފުޅު ނެގީ ކުއްލިއަކަށް ފޫޅުބުރިވުމުންނެވެ.
ނަމަވެސް އެއީ މީގެ 19 އަހަރު ކުރި އެވެ. ސިއްހީގޮތުންނާއި ބޭސްފަރުވާއަށް ބަލާއިރު އޭރާއި މިހާރާއި ހާސްބައި ތަފާތެވެ. ބަދަލުނުވާ އެއްކަމަކީ އޭރުވެސް އަދި މިހާރުވެސް، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު އުފަންވުމަކީ އެއްބަޔެއްގެ ނަޒަރުގައި އެ އާއިލާއަކަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ. ދެރައެކެވެ.
އެހެންނަމަވެސް ރަފާހް މިވަނީ އެއީ ހަގީގަތެއް ނޫންކަން ސާބިތުކޮށްދީފަ އެވެ. އުޅުމުގާއި ގުޅުމުގައި ކިތަންމެ ބޮޑު ތަފާތުތަކެއް އާންމު އެހެންކުދިންނާ ބަލާއިރު ހުރިނަމަވެސް، ކުޅެދޭ މީހެކޭ އަދި އެނޫން މީހެކޭ، ބައެއް ކަންކަމުގައި އެއްވެސް ތަފާތެއް އަދި ފަރަގެއް ނެތްކަން ރަފާހު މި ވަނީ ދައްކުވައިދީފި އެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމީ ޖަލްސާގައި، ކީރިތި ގުރުއާން ހިތުދަސް ކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް ހާސިލްކުރި 16 ހާފިޒުންގެ ތެރެއިން އެކަކީ އެންމެ 19 އަހަރުގެ ރަފާހް އެވެ.
އޯޓިޒަމް ހުންނަކަން ދެނެގަނެވުނީ އެއް އަހަރުގައި
ރަފާހުގެ ދުވަހުގެ ގިނަ ވަގުތުތައް ހޭދަކުރަނީ ގުރުއާން ކިޔެވުމާއި، އަޑުއެހުމުގަ އެވެ. ގޭގައި މަންމައާއި ބައްޕައާ އެކީ ދިރިއުޅޭއިރު ހުރިހާ ވަގުތެއްވެސް ރަފާހުގެ މަންމަ ހުސްކޮށްގެން ހުންނަނީ ރަފާހުއަށެވެ.
ރަފާހުގެ ކިބައިގައި އޯޓިޒަމް ހުންނަކަން ދެނެގަނެވުނީ އޭނާގެ އުމުރުން އެއް އަހަރުވާން ކައިރިވެފައިވަނިކޮށް ކަމަށް ރަފާހުގެ މަންމަ ބުންޏެވެ. އޯޓިސްޓިކް ހުންނަކަން އެނގުނީ އެ އުމުރުގެ އެހެންކުދިން ފަދައިން އެއްވެސް ވަރަކަށް ބަސް ނުކިޔާ، އެހެން ކުދިންނާއި ތަފާތު ކަންތައްތަކެއް ފާހަގަވެ، ޑޮކްޓަރަށް ދެއްކުމުންނެވެ. އެ ހިސާބުން ފެށިގެން ރަފާހުއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ބަރާބަރަށް ހޯދަމުން އައިއިރު، އޭނާއަށް ގޭތެރެއިން ބޭނުންވާ ލޯތްބާއި އަޅާލުން އެންމެ ފުރިހަމައަށް ހޯދައުދޭން މަސައްކަތްކޮށްދެވޭތޯ އޭނާގެ މައިންބަފައިން މަސައްކަތް ފެށި އެވެ. އެއްވެސް ކަމެއްގައި މަޖުބޫރުކަމެއް ނުގެންގުޅެ އެވެ.

ހާފިޒް ރަފާހް އޭނާއަށް ލިބިފައިވާ ބައެއް ހަނދާނީ ލިޔުންތަކާއި އެވޯޑްތަކާ އެކު-- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ވާހަކަ ނުދެއްކުނަސް ގުރުއާން ކިޔަވަން ފެށި
ރަފާހް މަންމަ ބުނާގޮތުން ކުޑައިރުއްސުރެވެސް ރަފާހު އެއްވެސް ވަރަކަށް ވާހަކަ ނުދައްކަ އެވެ. އެހެންނަަވެސް އަބަދުވެސް އެ ގޭގައި ހުންނަނީ ގުރުއާން ޖަހާފަ އެވެ. މިގޮތުން ރަފާހް އޭނާގެ މައިންބަފައިން ހައިރާންކޮށްލީ ކުއްލިއަކަށް އެއްދުވަހު އަލްހަމްދު ސޫރަތް ކިޔަމުންނެވެ. އޭރު އަދި ވަކިން އަކުރުތަކެއް ލިޔަން ނުވަތަ ކިޔަން ވެސް މާބޮޑު މަސައްކަތެއް ކުރަން ނުފެށޭތީއާއިއެކު މިކަންވީ އާދަޔާ ހިލާފްކަމަކަށެވެ. އެހެންކަމުން ވާހަކަ ނުދެއްކިޔަސް، ރަފާހް ކޮންމެވެސް ކަމެއް ކުރާކަން، ނުވަތަ އޭނާގެ ކިބައިގައި ގުރުއާން ކިޔެވުމުގެ ހުނަރު ހުރިކަން އެހިސާބުން އޭނާގެ މައިންބަަފައިންނަށް އެގުނެވެ. އަދި އިތުރު ހިތްވަރަކާއި އެކީ ގުރުއާން ދަސްކޮށްދިނުމުގެ މާހައުލެއް ގާއިމްކޮށްދޭން ފެށުނެވެ.
މީގެއިތުރުން އެދުވަސްވަރު ޓީވީއެމް އިން ގެނެސްދިން ހ،ށ ކިޔަން ދަސްކޮށްދޭ ޕްރޮގްރާމާއި އަދި ކުޑަކުދިންގެ ގުރުއާން މުބާރާތްވެސް ވަރަށް ގިނައިން ރަފާހް ބަލާއުޅުނެވެ. އެއާއެކު ދެން ފެނިގެންދިޔައީ އަމިއްލައަށް ރަފާހް "ކުޑަކުދިންގެ މުބާރާތް" މިހެން ލިޔުނު ތަނެވެ.
އެހެންކަމުން ރަފާހު އަށް ލިޔަންވެސް އަދި ކިޔަންވެސް އެނގޭކަން އޭނާގެ މައިންބަފައިންނަށް ވިސްނުނެވެ. އަދި ކަންކަން އޭނާ ދަސްކުރަނީ އެކަމެއް ކުރާތަން ބަލައިގެންނާއި އަޑުއަހައިގެން ކަން އިނގުނެވެ. އެއާއެކު، ރަފާހުއަށް ނަމާދުކުރަން ދަސްކޮށްދޭ ސީޑީއެއް ގަނެދީ، އެ ބަލަން ފެށުމުން ނަމާދުކުރަންވެސް އެއްކޮށް ދަސްވިކަން އޭނާގެ މަންމަ އުފަލާއި އެކު ފާހަގަކުރި އެވެ.
ރަފާހުގެ ތައުލީމީ ހަޔާތް އަހުމަދިއްޔާ ޕްރީސްކޫލުން ފެށިއިރު، ގްރޭޑް 1 ގައި ކިޔަވަން ފެށީ ތާޖުއްދީން ސްކޫލުންނެވެ. ރަފާހު މަންމަ ބުނާގޮތުގައި އެނާގެ މުދައްރިސުންނަށް އޭރުވެސް ގުރުއާން ކިޔެވުމުގެ ހުނަރު ރަފާހުގެ ކިބައިގައި ހުންނަކަން ފާހަގަކުރެވެ އެވެ.
އާއިލާއާއި މައިންބަފައިންގެ ހިތުގައިވެސް ދީނީ ކަންކަމަށް ހުރިލޯތްބާއި ފަރުވާތެރިކަމުގެ ނަތީޖާއެއްގެ ގޮތުން ދެން އޭނާއގެ މައިންބަފައިން ބޭނުންވީ ތަޖުވީދުމަގުން ހަތިމްކުރަން ރަފާހު އަށް ދަސްކޮށްދޭށެވެ. އޭރު އަމިއްލައަށް ގުރުއާން ކިޔަވަން ދަސްވެފައި ހުރުމުން މިކަންވީވެސް ވަރަށް ފަސޭހަކަމަކަށެވެ. ގެއަށް ވަކީން ގުރުއާން ކިޔަވަން ދަސްކޮށްދޭ މުދައްރިސެއް ގެނެސް، ތަޖުވީދަށް ކިޔަވާ ހަތިމް ކުރިއިރު، އޭނާވަނީ ގުރުއާނުގެ އާޔަތްތައް ދަސްކުރެވެން ފަށާ، ވަރަށް ބޮޑަށް ފަރިތަވެފައެވެ.
"އަޅުގަނޑަށް ބުނެވޭނީ، މިއީ ހަމަ ﷲގެ ކުޅަދުންވަންތަކަމޭ، އެހެން ކުދިންހެން ވަކިން އަކުރުތައް ލިޔެ، ކިޔަން ދަސްކޮށްދޭކަށް ނުޖެހުނު. ހަމަ ހުރިހާކަމެއްވެސް އަމިއްލައަށް ނަގައިގަނެގެން ރަފާހު ދަސްކުރީ" އޭނާގެ މަންމަ ބުންޏެވެ.

ހާފިޒް ރަފާހް-- ސަންފޮޓޯ:އަހްމަދު އަވްޝަން އިލްޔާސް
ހާފިޒަކަށް ވުން އެއީ މައިންބަފައިންގެ އެންމެ ބޮޑު އުންމީދު!
ތާޖުއްދީން ސްކޫލްގައި ގްރޭޑް 8އާ ހިސާބަށް ކިޔެވުމަށްފަހު، އިތުރު އެހީތެރިކަމެއް ރަފާހު އަށް ހޯދައިދިނުމަށްޓަކައި ދެން އޭނާ ބަދަލުކުރީ އިމާދުއްދީން ސްކޫލްގެ ސްޕެޝަލް ނީޑްސް ކްލާހަަށެވެ.
ރަފާހުގެ މަންމަ ބުނާގޮތުން އޭނާގެ ދަރިފުޅަށް ގުރުއާން ހިތުދަސްކުރުމަށާއި އަދި އަމަލީގޮތުންވެސް އެހެނިހެން ގިނަ ކަންކަން ކުރުމަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމަކީ މިއީ އެވެ. ހާއްސަގޮތެއްގައި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި އޭނާއާއި އެކު ސްޓޭޖުމަތީން ފެނިގެންދިޔަ، މުދައްރިސް ކަމުގައިވާ ޝަރަފް މިސްއަކީ އެންމެ ގާތުން ރަފާހުގެ ކަންކަން ބެލެހެއްޓި އޭނާގެ 'މަންމަ' އެއް ފަދަ މުދައްރިސެއްކަމަށް ރަފާހު މަންމަ ބުންޏެވެ.
ރަފާހު ހިފްޒް ކްލާހަށް ދާންފެށީ 2018 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ ތެރޭގަ އެވެ. އެއަހަރުގެ ޖުލައިމަހާއި ހިސާބަށްދިޔައިރު ހިފްޒް ކްލާހުގެ ބައިނިމި ދެން އޭނާ ދިޔައީ ކޮމިޓީއަށެވެ. ކޮމިޓީއަށް ކިޔައިދީ ނިމިފައިި ވަނީ ޑިސެމްބަރު މަސްތެރޭ އޭނާވަނީ އެއްކޮށް ނިމިފަ އެވެ.
ރަފާހުއަކީ އާންމު ކުއްޖަކަށްވުރެ ބޮޑަށް މައިންބަފައިންގެ އެހީތެރިކަމާއި ސަމާލުކަން ބޭނުންވާ ކުއްޖަކަށް ވާއިރު، މިފަދަ ބޮޑު ކާމިޔާބީއެއް ހާސިލްކުރުމުގައި ގިނަ އަދި ބޮޑެތި ގޮންޖެހުންތަކެއް ގިރާކުރަން ޖެހިފައިވާނޭކަން ޔަގީނެވެ. ނަމަވެސް ރަފާހުގެ މަންމަ ބުނާގޮތުގައި، މިއަދު އެ ހަނދާންތައް އާ ކުރުމުގެ ބަދަލުގައި ބޭނުންވަނީ މިފަދަ މަތިވެރި ނަސީބެއް ދެއްވީތީ ﷲ އަށް ހަމްދުކުރާށެވެ.
"... އަލްހަމްދުލިއްﷲ ! ﷲ އަށް ދެއްތޯ ޝުކުރު އަދާކުރަންޖެހޭނީ ހުރިހާ ކަމަކަށް. ދެން ދިމާވާނެ ކޮންމެ މީހަކަށްވެސް އެކަހަލަ ކަންތައްތައް. ސްކޫލްގައި އުޅުނު އިރުގައިވެސް، މުރާޖާ ކޮމިޓީއަށް ދިޔައިރުވެސް ދިމާވި ވަރަށް ގިނަ ކަންތައްތަކާ. އުންމީދު ކަނޑާލައި ދެން ނުދާހާވަރަށްވެސް ކަންތައްތައްދިޔަ. އެކަމަކު ހަމަ އެންމެ ބޮޑަށް ފާހަގަކޮށްލާނީ ޝަރަފު މިސްގެ އެހީތެރިކަން. ބައެއް ދުވަސްދުވަހު އިންނަވާނެ ރަފާހުއާއި އެކީ ކޮމިޓީ ތެރޭގައިވެސް. އެއީ ގިނަފަހަރަށް ބޭސް ބަދަލުކޮށްލާއިރު ހައިޕާވެ ކަންކަންވޭ.. އެކަމަކު އަޅުގަނޑަށް ހީވަނީ އެހުރިހާ ކަންތައްތައް މިވަގުތު ހިއްސާ ނުކުރުން ކަންނޭނގެ އެންމެ ރަަނގަޅުވާނީ" ރަފާހުގެ މަންމަ ބުންޏެވެ.

ރަފާހުގެ ގޭގައި އޭނާ ގެންގުޅޭ ގަޑި
އެންމެ ހާއްްސައީ 'ގަޑި' އާއި ކަލަންޑަރު
އޯޓިޒަމް ހުންނަ އެކީ އެކި ކުދިންގެ ކިބައިން ތަފާތު ކަންތައްތައް ފާހަގަވާއިރު، ރަފާހުއަކީ ވަރަށް ތަރުތީބު އަދި ގަޑިން ގަޑިއަށް ކަންކަން ކުރަން ލޯބިކުރާ ކުއްޖެކެވެ. މިގޮތުން ގޭތެރޭގައި ބެހެއްޓިފައިވާ ތަފާތު އެއްޗެހިތަކުގެ ތެރެއިން ރަފާހުއަށް އެންމެ ކަމުދާ އަދި އެންމެ ހާއްސަ އެއްޗަކީ އޭނާގެ ކޮޓަރީގައި ބެހެއްޓިފައިވާ ގަޑިތަކެވެ.
ނަމާދު ވަގުތު ކައިރިވާން ފެށުމާއި އެކު، ގަޑި ނަގާ ތައްޔާރުވާން ފަށަ އެވެ. ރަފާހު ގެންގުޅޭ ގަޑިއަކީ ނަމާދު ވަގުތުގައި ބަންގީގެ އަޑު އިވޭ ގަޑިއެކެވެ. އެންމެ ކުޑާއިރުއްސުރެވެސް އޭނާ ބޭނުންކުރި އެއްވެސް އެއްޗެއް ހާއްސަކޮށް ގަޑިއެއް އުކާލަން އޭނާ ބޭނުމެއް ނުވެއެވެ. ކަލަންޑަރުންވެސް ނަމާދު ގަޑިތައް ވަކިކޮށް ނަގައި ކެފުމަށްފަހު އޭނާ ހުންނަނީ އެދުގެ ބާލީސް މަތީގައި ވަކި ތަރުތީބަކުން ބަހައްޓާފަ އެވެ. އަދި އެ ތަރުތީބަކަށް ބަދަލެއްވެސް ނާދެ އެވެ.
ނިދާ ހޭލުމަށްފަހު އެންމެ ފުރަތަމަވެސް އޭނާ ޓީވީ ހުޅުވާ ސައުދީ ގުރުއާން އަޅުވަ އެވެ. އަދި ނިދުމާއި ހަމައަށްވެސް ކީރިތި ގުރުއާން ހުންނަނީ އަޅުވާފަ އެވެ. އަދި ގުރުއާން ކިޔެވުމަށް ދުވެހުގެ ވަކި ވަގުތެއް ހާއްސަވެފައި ނޯންނައިރު، ކޮންމެ ވަގުތެއްގައިވެސް ހުންނަނީ ގުރުއާން މުރާޖައާ ކުރުމުގަ އެވެ. މީގެއިތުރަށް މަދަހަ އަޑުއެހުމަށް ވެސް އޭނާ ވަރަށް ގަޔާވެ އެވެ.
އޭގެއިތުރަށް، ރަފާހުގެ ކިބައިން ދެން ފެންނަ އެންމެ ތަފާތުކަމަކީ ކޮމްޕިއުޓަރު ފަދަ ތަކެއްޗާއި ކުޅެން އެނގި، އޭގެ މައްސަލަތައް ހައްލުކުރަން އެނގުމެވެ. އޭނާގެ މަންމަ ހިއްސާކުރިގޮތުގައި، އެއްދުވަހަކު ގެއަށް ގެނައި، ސީޑީއަކުން އަޑު ނީވިގެން އެކި މީހުން ލައްވާވެސް މަސައްކަތްކޮށްގެންވެސް އަޑުއިވޭ ގޮތް ނުވި އެވެ. ނަމަވެސް ރަފާހު އަމިއްލައަށް ކޮންމެވެސް ވަރަކަށް ކުޅެ ހަދައިގެން ސީޑީގެ އަޑު އިވޭގޮތްހަދާދިނެވެ. އޭގެ ފަހުންވެސް ކޮމްޕިއުޓަރާއި ފޯނު ފަދަ ތަކެއްޗާއި ކުޅެން އެނގޭކަމަށް ރަފާހު މަންމަ ބުންޏެވެ.
ރަފާހުގެ މި ކާމިޔާބީއަކީ އޭނާގެ މައިންބަފައިންނާއި މުޅި އާއިލާއަށްވެސް ލިބިގެންދިޔަ ބޮޑު ޝަރަފެކެވެ. ހާއްސަ ކުދިން ބަލަން ޖެހިފައިވާ އާއިލާތަކަށް ރަފާހުގެ މަންމަ ދެނީ ހިތްވަރެވެ. އެ މަންމަގެ ހުރިހާ ޝުކުރެއް އޮތީ މާތްﷲ ދެއްވި މި ބޮޑު ނިއުމަތަށެވެ.
"އަޅުގަނޑު ދަންނަވާނީ ކޮންމެ މީހަކަށްވެސް ކެތްތެރިވާށޭ! މީހުންގެ ވަރަށް ގިނަ މަލާމާތާއި އެއްޗެހި އަންނާނެ. ޕަކުތަކަށާޢި ތަންތަނަށް ދާއިރުވެސް ވަރަށް ބަލާހަދާނެ. އެކަމަކު ﷲ އަށް ވަކީލުކުރާށޭ. އަޅުގަނޑުމެން ހުރިހާ ގުނަވަންތަކެއް ފުރިހަމައަށް ތިބި މީހުންނަށްވެސް ނުވާވަރުގެ ކަންތައްތައް މިއީ. އެހެންވީމަ މާޔޫސް ނުވާށެ. މިއީ ހަމަ ﷲ ދެއްވި ނިއުމަތެކޭ" ރަފާހުގެ މަންމަ ބުންޏެވެ.
ކިތަންމެ ތަފާތަސް، ރަފާހުގެ ވާހަކައިން އިތުރު ހިތްވަރެއް އިތުރު އުންމީދެއް ދިވެހި އެތަށް މައިންނަށް އަދި އާއިލާތަކަށް ގެނެސްދީފި އެވެ. ކޮންމެ ކުއްޖަކީވެސް ހަމަ ހާއްސަ ކުއްޖެކެވެ. ތަފާތުތަކާއި އެކީ ބަލައިގަނެ ހެޔޮ ގޮތުގައި ތަރުބިއްޔަތު ދިނުމުން އޭނާ ހުނަރުވެރިއަކަށް ބަދަލުދެ އެވެ.