23 Nov 2019, 15:21
އުމުރުން 13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ބަލިވެއިން މައްސަލާގައި ފިޔަވަޅު އަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން މިއަދު ވަނީ ބުނެފަ އެވެ.
އެ މިނިސޓްރީ އިން ކުރި ޓުވީޓެއްގައި ބުނީ ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ވަގުތުން ފުރިހަމަކުރި ކަމަށެވެ.
"ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގު އިދާރާއަށް ރަސްމީކޮށް އެދިފައިވާ ކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓްރީން އަރުވަމެވެ،" ޓުވީޓްގައި ބުންޏެވެ.
ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގެ އިސްމީހެއްގެ ގޮތުގައި އުޅުނު ރ. މަޑުއްވަރީ މީހަކަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލަ އިއްޔެ ފެންމަތިވެފައިވަނިކޮށް، އޭނާ އަކީ އުމުރުން 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެ ކުއްޖާ މިފަހުން ބަލިވެ އިނދެ އެ މައްސަލަ ޖެންޑާ އިން ބެލިކަން ވެސް ކަށަވަރުވި އެވެ.
ބަލިވެ އިން އަންހެން ކުއްޖާ މިހާރު ހުރީ ކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް ދޫކޮށްފައި ކަމަށް ވެސް އެނގިފައިވެ އެވެ. އަދި އެ ކުއްޖާ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވިހާފަ އެވެ.