އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ބަލިވެއިން މައްސަލާގައި ފިޔަވަޅު އަޅާފައިވާކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފި އެވެ.

ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގެ އިސްމީހެއްގެ ގޮތުގައި އުޅުނު ރ. މަޑުއްވަރީ މީހަކަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލަ އިއްޔެ ފެންމަތިވެފައިވަނިކޮށް، އޭނާ އަކީ އުމުރުން 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެ ކުއްޖާ މިފަހުން ބަލިވެ އިނދެ އެ މައްސަލަ ޖެންޑާއިން ބެލިކަން ވެސް ކަށަވަރުވި އެވެ.

އެކަމާ މެދު އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް، ބުނެ އާންމުންފެ ފާޑުކިޔުން އަމާޒުވުމުން ޖެންޑާ މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ވަގުތުން ފުރިހަމަކުރި ކަމަށެވެ.

"ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގު އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓްރީން އަރުވަމެވެ،" ޓްވީޓްގައި ބުންޏެވެ.

ބަލިވެ އިން އަންހެން ކުއްޖާ މިހާރު ހުރީ ކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް ދޫކޮށްފައި ކަމަށްވެސް އެނގިފައިވެ އެވެ. އަދި އެ ކުއްޖާ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވިހާފަ އެވެ.