23 Nov 2019, 13:18
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ ތެރޭގައި ބާއްވާނެ ކަމަށް އެ ޕާޓީގެ ރައީސްކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"ބެއްޔާ" ޓީޝާޓް މޫވްމަންޓް ފެށުމަށް މިއަދު ހެނދުނު މޯލްޑިވިއަންގެ ސީޕްލޭން ޓާމިނަލްގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރަން ބޭނުންވާ، ގާބިލް ގިނަ އަދަދެއްގެ މީހުން ތިބިކަމަށެވެ.
އަދި އަންނަ މަހު ޕާޓީގެ ޕްރައިމަރީ ބާއްވާނެ ކަމަށާއި، އެ އިންތިހާބަށް އެމްޑީޕީން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ލީޑާޝިޕް ހޮވަން ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވީ އިއްޔެ އެވެ. އެ އިންތިހާބު ކާމިޔާބުކޮށް، ރައީސް ނަޝީދާއި، މުހައްމަދު ޝިފާޒްވަނީ އެބޭފުޅުން އަދާކުރައްވަމުން ގެންދެވި، ޕާޓީގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމު ދިފާއުކުރައްވައިފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު އެވެ.
ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ އިރު، ލޯކަލް ކައުންސިލްގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ސަރުކާރުން ވަނީ މަޖިލީހަށް މިހާރު ބިލެއް ހުށަހަޅައިފަ އެވެ. އެގޮތުން، ގެންނަ މައިގަނޑު އިސްލާހުތަކަކީ؛
ކައުންސިލް ތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުން
މޭޔަރާއި، ޑެޕިއުޓީ މޭޔަރު، ކައުންސިލް ރައީސް އަދި ނައިބު ސީދާ ރައްޔިތުންގެ ވޯޓުން އައްޔަން ކުރުން- ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ދިނުން
- ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުން
- ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ހުރިހާ ކައުންސިލަކަށް ބެހުން.
- ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުން.
- ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އަގު ފަސް މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުން.
- ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފަދަ އާންމު ހިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމުގެ ބާރު ދިނުން.
- ކައުންސިލުގެ ޒިންމާދާރު ވެރިޔާ އައްޔަންކުރުމުގައި ކައުންސިލްގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުން.
- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ކަނޑައަޅައި، އެ ކޮމިޓީތަކަށް ވަކި ބަޖެޓެއް ހަމަޖެއްސުން.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ވިހި ވިހީގެ ބަޖެޓްގައި ކައުންސިލް އިންތިހާބަށް ހިމަނާފައި ވަނީ 56.2 މިލިއަން ރުފިޔާ އެވެ. އެއީ އެކަށީގެންވާ އަދަދެއް ކަމަށް އީސީއިން ބުންޏެވެ.