23 Nov 2011, 13:34
ރެއިން ފެށިގެން ބޯކޮށް ވާރޭވެހި މ. މަޑުވައްވަރީގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ، ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.
މަޑުއްވަރީ ރަށު ކައުންސިލުން ބުނީ އެ ރަށަށް އަދި ވެސް ވާރޭ ވެހެމުންދާ ކަމަށާއި ޕަމްޕެއް ނެތުމުގެ ސަބަބުން ރަށުތެރެއިން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
ކައުންސިލުން ބުނީ މުޅި ރަށުގައި ގާތްގަނޑަކަށް ދޮޅުފޫޓަށް ފެން ބޮޑުވެފައިވާ ކަމަށާއި ގޭގެއަށް ފެންވަނުމުގެ ސަބަބުން އެ ގޭގޭގެ ގޮދަޑިތަކާއި ގިނަ އަދަދެއްގެ ހިފާގެންގުޅޭ ސާމާނު ހަލާކުވެފައިވާ ކަމަށެވެ.
ފެންވަނުމުގެ ސަބަބުން ގެއްލުން ވެފައި ވަނީ ކިތައް ގެއަށް ކަމެއް އަދި ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަމެއް އަދި ސާފުނުވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
"އަޅުގަނޑުމެން އަތުގައި ޕަމްޕެއް ނެތް، ރަށުގައި ހުރި މަސްދޯނި ފަހަރު ވެސް ވަނީ ރަށުން ބޭރުގައި. މުލީގައި ތިބޭ ފުލުހުންނަށް ގުޅުމުން އެ މީހުން ބުނީ އެ މީހުން އަތުގައި ވެސް ޕަމްޕެއް ނެތް ކަމަށް،" މަޑުއްވަރީ ރަށު ކައުންސިލްގެ މެމްބަރު އިބުރާހީމް އަލީ ވިދާޅުވި އެވެ.
އިބުރާހީމް ވިދާޅުވީ ރަށުތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމަށް އެހީތެރިކަން ހޯދުމަށް ސަރަހައްދުގެ ގައުމީ އިދާރާގައި ވެސް މިހާރު ވާނީ އެދިފައި ކަމަށެވެ.
ހަތްސަތޭކަ ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ މަޑުއްވަރީގެ ގޭގެ ބައެއް ތަކެއްޗަށް މިދިޔަ ހުކުރު ދުވަހު ޖެހި ގުގުރިއެއްގެ ސަބަބުން ވެސް ގެއްލުންވެފައިވެ އެވެ.