23 Nov 2019, 13:28
ގަލޮޅު ރަސްމީ ދަނޑުގައި ދުންފަތުގެ ބްރޭންޑެއް އިޝްތިހާރުކޮށްފައި ހުންނަ މައްސަލައެއް ފެންމަތިވެ، އެކަމުގެ ކަންބޮޑުވުންތައް ބޮޑުވެއްޖެ އެވެ.
ގަލޮޅު ދަނޑުގެ ގޭޓެއްގެ ކުރިމަތީގައި، ކުޅިބަލަން ތިބޭ މީހުންނަށް ފެންނަ ގޮތަށް ދަމާފައިވާ ބެނާއެއްގައި އީ-ސިނގިރޭޓް ބްރޭންޑެއް ކަމަށްވާ، "މޮކް" އިޝްތިހާރުކޮށްފައި އެބަހުއްޓެވެ. މޮކް އަކީ ޗައިނާގެ އެންމެ ބޮޑު ދުންފަތް އުފައްދާ ކުންފުނިން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ބާޒާރަށް ނެރުނު އީ-ސިނގިރޭޓްގެ ބްރޭންޑެކެވެ.
އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުން ދުންފަތް ކޮންޓްރޯލް ކުރާ ބޯޑުގެ މެމްބަރު، އަހުމަދު އަފްއާލް ވިދާޅުވީ، ދުންފަތުގެ ވިޔަފާރި ކުރިއަރުވަން އެއްވެސް ގޮތަކަށް އިޝްތިހާރުކުރުމަކީ ގާނޫނުން މަނާކަމެއް ކަމަށެވެ. އަދި ދުންފަތުގެ ބާވަތްތައް ސީދާ ކޮށާއި ނުސީދާކޮށް އެއްވެސް ތަނެއްގައި އިޝްތިހާރު ކުރުން ހުއްދަ ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެފްއޭއެމްގެ އިސް ފަރާތްތަކަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ، އެފްއޭއެމްގެ ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.
ގާނޫނު ބުނާގޮތުން، ކުޅިވަރުކުޅޭ އިމާރާތްތަކާއި، ކޯޓުތަކާއި، ދަނޑުތަކާއި، ސްޓޭޑިއަމްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް މަނާކަމެކެވެ.
މިފަހުން ހެލްތް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި، އީ-ސިނގިރޭޓްގެ ބާވަތްތައް ރާއްޖޭގައި މަނާކުރުމަށް އަންނަނީ މިހާރު މަޝްވަރާ ކުރަމުން އެވެ.