23 Nov 2019, 11:21
ކުރިއަށް އޮތީ ވަރަށް ބޯކޮށް ވިއްސާރަ ވެހޭނެ ތިން ދުވަސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު "ސަން"އަށް ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ބާރުގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ. އަދި މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ، އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ކަމަށް ވެސް މެޓުން ބުންޏެވެ.
"ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ. ތިން ދުވަހަށް ފަހު މޫސުން ރަނގަޅުވާން ފަށާނީ،" މެޓްގެ އޮފިޝަލް ވިދާޅުވި އެވެ.
ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެތީ، ހއ އިން މ ދެމެދުގެ ރަށްތަކަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް، މެޓުން ވަނީ ލަފާކޮށްފަ އެވެ.
މޫސުން ލަފާކުރާ ގޮތް:
މޫސުން:
ގުގުރުމާއި އެކު ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ.- ވައި:އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި.
- ކަނޑު:އާދައިގެ ވަރަކަށް ގަދަވާނެ.
- ރާޅުގެ އުސްމިން:5-2 ފޫޓް.