23 Nov 2011, 13:18
ކޯޗުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުން އެއްނިޔަތެއްގައި މަސައްކަތްކޮށްފިއްޔާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ދިވެހިނަށް އަތުލެވޭނެ މުބާރާތެއް ކަމަށް ކުރީގެ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް މުހައްމަދު އާތިފް (އަތީ) ބުނެފި އެވެ.
މި އަހަރުގެ ކުރީ ކޮޅު ދިވެހި ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ކަމުގެ މަޤާމައި ހަވާލުވި އާތީ ބުނީ، މިފަހަރުގެ މުބާރާތް ދިވެހިންނަށް ކާމިޔާބު ކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
"މިފަހަރުގެ މުބާރާތް ދިވެހިންނަށް ލިބޭނެ. ކޯޗުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުން އެއް ނިޔަތެއްގައި މަސައްކަތް ކޮށްފި ނަމަ މުބާރާތް ދިވެހިނަށް އަތުލެވޭނެ. ދިވެއްސެއްގެ ހައިސިއްޔަތުން އަދި ކޯޗެއްގެ ހައިސިއްޔަތުން މަސައްކަތް ކުރާތީ ވެސް ބޭނުން މުބާރާތް ގެންނަން. އެކަން ކުރެވެން އޮތީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްގެން." މި އަހަރުގެ ޖުލައި މަހު ކުރިއަށް ދިޔަ ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރަށް ދިވެހި ޓީމް ގެންގޮސްދިނުމުގައި ބުރަ މަސައްކަތެއް ކުރި އަތީ ބުންޏެވެ.
ލެގޫންސް އާއި ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު އާތީ ބުނީ، މިފަހަރުގެ މުބާރާތަށް ދިވެހި ޓީމް ތައްޔާރު ވަމުން އަންނަ ގޮތާމެދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި ޓީމްގެ ކޯޗުންނާއި ކުޅުންތެރިންނާމެދު ހިތް ހަމަ ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"މުބާރާތަށް ޓީމް ތައްޔާރު ވަމުން އަންނަ ގޮތާމެދު ހިތް ހަމަޖެހޭ. ޓީމްގެ ހެޑް ކޯޗް އުރުބާނީ އަކީ ދިވެހި ފުޓްބޯޅައަށް އާމީހަކަށް ނުވާނެ. އޭނަގެ އިރުޝާދުގެ ދަށުން ޓީމްގެ ފަރިތަކުރުންތައް ވަރަށް ފުރިހަމަ. އޭނާ އަކީ ކުރިން ވެސް ޤައުމީ ޓީމުގައި މަސައްކަތް ކޮށްފައިވާ ކޯޗެއް. އެހެން ވީމަ ވަރަށް ފަސޭހަ ވާނެ އޭނަ އަށް ޓީމާ އެކު މަސައްކަތް ކުރަން. ޓީމްގެ ސްކޮޑުގައި ތިބި ކުޅުންތެރިންނާ މެދު ހިތް ހަމަޖެހޭ. އެއްވެސް ކޯޗެއް ރަނގަޅު ކުޅުންތެރިއަކު ސްކޮޑުން ބާކީއެއް ނުކުރާނެ. ކޯޗުންނަށް އިހްތިރާމްކުރަން ޖެހޭނެ." އާތީ ބުންޏެވެ.
ކޯޗް ކަން ކުރުމުގެ އޭ ލައިސަންސް ލިބިފައިވާ އަތީ އަކީ ކުރިން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑްކޯޗެވެ. އަދި އޭނަ ވަނީ ހުސްވި އަހަރު އޭވައިއެލްއަށް ވެސް ކޯޗްކަން ކޮށްދީފަ އެވެ.
ދިވެހި ޓީމުގެ އެސިސްޓެންޓް ކޯޗު ކަމުގެ މަޤާމުން އަތީ ދުރުކުރީ ހުސްވި އޮގަސްޓު މަހުގެ ތެރޭގަ އެވެ.