23 Nov 2019, 10:06
ޕްރެޝަރުތަކާ ގުޅިގެން އަނޫ އަމިއްލަ އަށް އިންޑިއަން އައިޑަލް ޝޯ އިން ވަކިވެއްޖެ އެވެ.
މިދިޔަ އަހަރު ސޮނީ ޓީވީ އިން ވަނީ އަނޫއަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން އެ ޝޯއިން ވަކިކޮށްފަ އެވެ. ނަމަވެސް މިފަހަރު ސީޒަންގެ ޖަޖިން ޕެނަލާ އަލުން އަނޫ މާލިކް ގުޅުމުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ސޮނީ ޓީވީ އިން ދާދިފަހުން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ އަނޫ ޝޯއިން ވަކިކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. އެގޮތަށް ވާހަކަދެކެވިފައި ވަނިކޮށް އަނޫ ވަނީ އަމިއްލަ އަށް އެ ޝޯއިން ވަކިވެފަ އެވެ.
އެކަން އޭނާ ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އަނޫ ބުނީ އޭނާ ބޭނުންވަނީ ތިން ހަފްތާއެއްގެ ބްރޭކެއް ނަގަންކަމަށެވެ.
އަނޫގެ ބަދަލުގައި ޝޯއިން ފެނިގެންދާނީ ކޮން ޖަޖެއްކަމެއް ސޮނީ އިން އަދި ހާމަކޮށްފައެއްނުވެ އެވެ. މިދިޔަ އަހަރު ސޮނީ ޓީވީ އިން އަނޫ ވަކިކުރުމަށް ފަހު ވަނީ ލަވަކިޔުންތެރިޔާ ޖާވިދު އަލީ އެވެ.
ޖަޖިން ޕެނަލްގައި ހިމެނޭނީ އަނޫ މާލިކްގެ އިތުރުން ނެހާ ކައްކަރު އަދި ވިޝާލް ދަދުލާނީ އެވެ.
އަނޫގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އޭނާ ބުނީ އޭނާގެ މައްޗަށް ކުރަނީ ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށެވެ.