އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު ނުނިމި ދިގުލައިގެންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފުލުހުންނަށް ފާޑުވިދާޅުވެއްޖެ އެވެ.

ހިބަރު ވަދުގެ ނަމުގައި އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމުގެ ގާބިލުކަން ފުލުހުންގެ ނުހުންނާނެ ކަމަށެވެ.

"މައްސަލަ ތަހުގީގެއް ނުކުރެވޭނެ. އެއީ މި މައްސަލައިގެ އެންމެ ގިނަ ވަގު ފައިސާ ނެގީ ކޮންބަޔެއްކަން އެބަ އެނގޭ. އެމްއެމްއޭގެ ގަވަރުނަރު އިސްތިއުފާ ދީފައި އޭނާ ބުނީ އެންމެ ގިނަ ވަގު ފައިސާ ނެގި މީހުން ތިބީ މި ސަރުކާރުގައޭ،" ޔާމީން ވިދާޅުވީ މި ސަރުކާރު ދިފާއުކުރަން މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުންނަކީ އެމްއެމްޕީއާރުސީ އިން އެންމެ ގިނައިން ވަގު ފައިސާ ނެގި މީހުން ކަމަށެވެ.

"އެހެންވީމާ ކިހިނެއް މިކަން ތަހުގީގު ކުރާނީ؟ މި މައްސަލަ ތަހުގީގެއް ނުކުރެވޭނެ. މި މައްސަލައިގެ އެންމެ ފުންމިނާ ހަމައަށް ދިޔުމުގެ ގާބިލްކަމެއް ހިތްވަރެއް ފުލުހުންގެ ނުހުންނާނެ.،" ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ އާ ގުޅޭ 257 މައްސަލައެއް އެބައޮތް ކަމަށާއި އެއިން އެއްވެސް މައްސަލައެއް ތަހުގީގު ނުކުރެވޭނެ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެމްއެމްޕީއާރުސީގެ ވެސް ފުރިހަމަ ތަހުގީގެއް ނިމިގެންދާނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި،" ޔާމީން ވިދާޅުވި އެވެ.

"ގަބޫލު ނުކުރާތި، ހީނުކުރާތި މިހާރު ބާރުގައި ތިބި މީހުން އަޅުގަނޑުމެން ފުރޮޅާ ނުލާނެ ހަމަ އެންމެ ގާކޮޅެއް ވެސް ނޯންނާނެ. މިހާރު ފެހިކާން ދެ ރޮނޑަށް އެއްކޮށް ތިބެވިދާނެ. އެކަމަކު ގަބޫލު ކުރައްވާ، އަޅުގަނޑުމެންގެ ވެރިކަމެއްގައި މިދެންނެވި ހަމަ އެއްވެސްކަމެއް ނުބަލާ ދޫކޮށެއް ނުލާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތް ކުރެއްވީ އޭގެ ކުރީ ސަރުކާރުން ކޮށްފައިހުރި ކަންތައްތައް ތަހުގީގު ނުކުރަން ކަމަށާއި އެއީ ގައުމަށް ހަމަޖެހުން ގެނައުމަށް ކުރި ކަމެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑަ ކުރުމުގެ ދައުވާއުފުލައިފަ އެވެ. އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ކިޔާ ފަޅު ރަށެއް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރުމުގެ ތުހުމަތުގަ އެވެ.