22 Nov 2019, 23:25
ފާއިތުވި އެއް އަހަރަށް ބަލާއިރު ރާއްޖެއަށް އާ އިންވެސްޓުމެންޓެއް އައިސްފައިނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
"ހިބަރު ވަދު" ގެނަމުގައި އިދިކޮޅުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފާއިތުވި 12 މަސްތެރޭ ރާއްޖެއިން ފެނުނު އިންވެސްޓުމެންޓުގެ ފުރުސަތު ތަކަކީ ކުރީ ސަރުކާރުގައި ފެށި މަސައްކަތްތައް ކަމަށެވެ. އޭގެ އިތުރުން އާ އެއްވެސް އިންވެސްޓުމެންޓެއް ރާއްޖެ ނާންނަ ކަމަށް ޔާމީން ވިދާޅުވިއެވެ.
"މިހާތަނަށް ފެނިފައި ހުރި ފުރުސަތު ތަކަކީ މިދިޔަ އަހަރު ތެރޭގައި ނުވަތަ ރައީސް ޔާމީންގެ ސަރުކާރު ނިމިގެން މި ހިނގައިދިޔަ 12 މަސްދުވަހުގެ ތެރޭގައި އޭރު ނިމިފައި ހުރި ތަންތަން ހުޅުވުން، އޭގެ އިތުރުން އެއްވެސް އާ އިންވެސްޓުމެންޓެއް ރާއްޖެއަށް އައިސްފައެއް ނެތް،" ކުރީގެ ރައީސް ވިދާޅުވިއެވެ.

"ހިބަރު ވަދު" ގެނަމުގައި އިދިކޮޅުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ
ޔާމީން ވިދާޅުވީ ރާއްޖޭގެ ބަޔަކުވެސް އަދި ބޭރު އިންވެސްޓަރުންވެސް މި ސަރުކާރުގެ ފާއިތުވި އެއް އަހަރު ރާއްޖޭގައި ބޮޑު އިންވެސްޓުމެންޓެއް ކޮށްފައި ނުވާ ކަމަށެވެ.
މިސަރުކާރަށް އަހަރެއްވީއިރު، އިގްތިސޯދީގޮތުން ރާއްޖޭގެ ހާލަތު އޮތީ ދަށުގައި ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަން ނިމުނު އިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ހުރީ 4000 ޑޮލަރާ ގާތްކޮށްފައި ކަމަށާއި ނަމަވެސް މިހާރު ފެންނަމުންދަނީ އިގްތިސޯދީ ދުވެލި މަޑުޖެހިފައިވާތަން ކަމަށް ޔާމީން ވިދާޅުވިއެވެ.
ސަރުކާރަށް އަހަރެއްވީއިރު، އެއްވެސް ފްލެޓެއް އެޅުނުތޯ ސުވާލު އުފައްދަވާ ޔާމީން ވިދާޅުވީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތްކަމަކީ ބޯހިޔާވަހިކަން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 7000 ފްލެޓު އެޅުމުގެ މަސައްކަތް ފެށިއިރު އެ ފްލެޓުތައް އަދި ހަވާލުކޮށްފައެއް ނުވެއެވެ.

"ހިބަރު ވަދު" ގެނަމުގައި އިދިކޮޅުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަގާމުތައް އެމަނިކުފާނުގެ ސަރުކާރާ އަޅާބަލާއިރު 70 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. ޕްރައިވެޓް ސެކްޓާގެ ހާލަތުވެސް އޮތީ ގޯސްކޮށް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ޕްރައިވެޓް ސެކްޓާއިން 90،000 ވަޒީފާ އުފެއްދިއިރު މި ސަރުކާރުން ޕްރައިވެޓް ސެކްޓާ އިން މިހާތަނަށް ކިތައް ވަޒީފާ އުފެއްދިތޯ ސުވާލު އުފެއްދެިވއެވެ.
ރާއްޖޭގެ އިގްތިސޯދަށް ވަމުންދަނީ ކިހިނެއްތޯ ސުވާލު އުފައްދާ ޔާމީން ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ސިމެންތީގެ ތަރައްގީ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރު ނިމުނުއިރު ރާއްޖެއަކީ މި ސަރަހައްދުގެ ނިސްބަތުން އެންމެ ބާރަށް ތަރައްގީވަމުން އައި ގައުމު ކަމަށާއި ނަމަވެސް މިހާރު މި ސަރަހައްދުގައި އިގްތިސޯދީ ދުވެހި އެންމެ ބަރުހެލިކޮށް އޮތީ ރާއްޖޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.