އަންނަ ޖެނުއަރީ މަހުން ފެށިގެން އިބްރާހިމް ނާސިރު މާލޭ އިންތަނޭޝަނަލް އެއާ ޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި25 ޑޮލަރު ނަގަން ނިންމި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް އޮޅުވާލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނަންގަވައި ކުއްލި މައްސަލަ ޖަލްސާ އަށް ނުގެންނެވީ ކީއްވެތޯ، މަޖިލީހުގެ ރައީސާ ސުވާލު ކުރެއްވުމުން ޝާހިދު ވިދާޅުވީ ރިޔާޒު އެ މައްސަލަ ފޮނުވާފައި ވަނީ ގަވާއިދުގައިވާ ގޮތުގެ މަތިން ގަޑި ޖެހުމުގެ ކުރިން ކަމަށް ވިޔަސް ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކުރާ ޝަރުތުތައް އެ މައްސަލައިގައި އުނިވާ ކަމަށެވެ.

"މައްސަލަ އެޖެންޑާކުރުމަށް ބެލިބެލުމުން އެއީ ސިވިލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކާ ގުޅުން ހުރި މައްސަލައެއް ކަމަށް ކޯޓުން ޖަވާބު ދީފައި ވަނީ. މަޖިލީހުގެ ގަވާއިދުގެ 149 ގެ (ބ) ގައި ބުނެފައި އޮންނަ ގޮތުން ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ކަމެއްގައި ކުއްލި މައްސަލައެއް ހުށަނޭ ޅޭނެ،" ޝާޙިދު ވިދާޅުވި އެވެ.
ރިއާސަތުން ޝާހިދު ދެއްވި ޖަވާބާ ވިއްދައިގެން ރިޔާޒް ވިދާޅުވީ އެ ކުއްލި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ތައާރަޒްވާ މައްސަލައެއް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ކުރީ ދުވަހެއްގައި ޝާހިދު ވެސް އޭނާ އަށް "ލަނޑެއް ދެއްވާފައި"ވާތީ މަޖިލީހުގެ ރައީސަށް އޮޅުވާލައިގެން ކަމެއް ކޮށްލެއްވޭތޯ ބެއްލެވީ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ޝާޙިދު ވިދާޅުވީ އެއީ ގަވާއިދާތައާރަޒުވާކަމެއްކަން ރިޔާޒަށް އެނގިވަޑައިގެން އެކަން ކުރެއްވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެގޮތަށް ކަންތައް ނުކުރެއްވުމަށް ވެސް ޝާހިދު ރިޔާޒަށް ދެންނެވި އެވެ.

ރިޔާޒު މިއަދު ވިދާޅުވީ މިއަދުގެ ޖަލްސާގައި އޭނާ އެ ވާހަކަ ދެއްކެވީ ނިޒާމީ ނުކުތާއެއްގެ ތެރެއިން ކަމަށާއި އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ރިޔާސަތުން މައިކް ކަނޑުއްވާލީ ކަމަށެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސް ގާނޫނަށް އިއްޔެ ހުށަހެޅި އިސްލާހަކީ ވެސް މަޖިލީހުގައި އޮތް މައްސަލައަކަށް ހުށަހެޅި އިސްލާހެއް ކަމަށާއި ރައީސް އެކިފަހަރު ކަންކަން ކުރައްވަނީ އެކި ގޮތަށް ކަމަށެވެ. އަދި މަޖިލީހަށް ކައުންސެލާއެއް އައްޔަން ނުކުރައްވައި ދައްމަނީ ވެސް މަޖިލީހުގެ ރައީސް ބޭނުންފުޅު ފަހަރަކު ބޭނުން ގޮތަކަށް ކަންކަން ކުރައްވަން ކަމަށް ވެސް ރިޔާޒު ތުހުމަތު ކުރެއްވި އެވެ.