މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބޭކަމަށްބުނެ ފަރެސްމާތޮޑާ މަސްވެރިން ސުލްހަވެރި އިހުތިޖާޖެއް ކޮށްފިއެވެ.

ފަރެސްމާތޮޑާ މަސްވެރިން މިއަދު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ގޮވާލާފައިވަނީ މަސްވެރިން ބާނާ މަސް ކިރުވުމަށްފަހު ފައިސާ ދިނުން އަވަސް ކޮށްދިނުމަށާއި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމަށެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ މަސްވެރިން ބާނާ މަސް ނުކިރި ލަސްވުމާއި، ކިރާ މަހަށް ފައިސާ ލިބުން ލަސްވުމާ އައިސް ނުލިބި މަހުގެ ތާޒާކަން ގެއްލުން ފަދަ ކަންބޮޑުވުންތައް މަސްވެރިންގެ އެބަހުރި ކަމަށެވެ.

"މިދުވަސްވަރަކީ ދެކުނަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ނޫން. އެކަމަކު ބާނާ މަސްކޮޅު ކިރުވުމަށްފަހު ލާރި ލިބުން ލަސްވުމަކީ މަސްވެރިންގެ ކަންބޮޑުވުމެއް،" ނަސްރުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްކިރުވުމަށްފަހު މަސްވެރިންނަށް ދެނީ ބިލެއް ކަމަށާއި އެ ބިލަށް ފައިސާ ލިބުން ލަސްވުމުގެ ސަބަބުން "މަސްވެރި އާއިލާތައް ވަނީ ކަންމަތީ ފިހާރަތަކަށް ދަރާފައި" ކަމަށެވެ.

"އަތޮޅުގައި ހުރި ގިނަ އައިސްޕްލާންޓުތައް ހުރީ ހަލާކުވެފައި. އޮޕަރޭޓު ކުރާ އައިސްޕްލާންޓުތަކުންވެސް އައިސް ދޫކުރަނީ ލިމިޓުކޮށްގެން،" ނަސްރުﷲ ވިދާޅުވީ ގިނަ އައިސް ޕްލާންޓުތައް ހުއްޓިފައި އޮތުމަކީވެސް މަސްވެރިންގެ ކަންބޮޑުވުމެއް ކަމަށެވެ.

"މިރަށު އައިސްޕްލާންޓުވެސް ހަލާކުވެފައި އޮންނަތާ ދުވަސްތަކެއް ފަހުން މަރާމާތަށްފަހު ބޭނުންކުރަން ފެށުނީ ބުރާސްފަތި ދުވަހު. އެކަމަކު އައިސް ދޫކުރަނީ ލިމިޓުކޮށްގެން،"

ފަރެސްމާތޮޑާގައި މަސްވެރިކަންކުރާ ނުވަ ދޯނި އޮންނައިރު ކޮންމެ ދޯންޏެއްގައި ތިރީހަކަށް މީހުން މަސައްކަތް ކުރެއެވެ.