އާ ސަރުކާރުގެ ފުރަތަމަ އަހަރުގައި ހިންގި ޕްރޮޖެކްޓްތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި އަދި ކުރިއަށް އޮތް އަހަރު އަދި މާ ރަނގަޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލީޑަޝިޕް އިންތިހާބުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ވޯޓުލުމުގައި ބައިވެރިވެވަޑައިގަތުމަށް އިސްކަންދަރު ސްކޫލަށް ވަޑައިގެން ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕާޓީގެ އެންމެ އިސް އޮފިޝަލު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުން ހިންގި ޕްރޮޖެކްޓުތަކާއި އަދި އެހެނިހެން ކަންކަންވެސް ކުރިއަށް ދިޔަ ގޮތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ އަހަރު ފެށިގެން ދިޔައީ ވަރަށް ބޮޑު ހުރަސްތަކާ ގޮންޖެހުންތަކާއެކު ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެލެއްވި އިރު ކުރީ ސަރުކާރުގެ ވަރަށް ގިނަ ކަންތައްތަކެއް ހުރީ އޮޅުންބޮޅުންތަކުގެ ތެރޭގައި ކަަމަށާއި އެގްރިމަންޓްތައް ހުރީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ.

އެގޮތުން 2018 ގެ ރިޔާސީ އިންތިހާބު ކައިރިވެގެން އައި އިރު ރަށްރަށުގައި ފުޓްސަލް ދަނޑު އެޅުމަށް އެކަނި ބެލިއަސް، ތަކެތި ގެންގޮސް ރަށަށް ބާލާފައި ބަޔަކާ ހަވާލުނުކޮށް ދޫކޮށްލާފައި ހުރުން ފަދަ އެތައް މައްސަލައެއް ފާހަގަވިކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އެ ހުރިހާ ކަމެއް ހަމައަކަށް އަޅުވާ އިންތިޒާމުކޮށްގެން އަޅުގަނޑުމެން މަސައްކަތް ފަށައިގެން މިވީ އަހަރުދުވަހުގެ ތެރޭގައި ރަނގަޅު ހިސާބަކަށް ދެވިއްޖެކަމަށް އަޅުގަނޑަށް ގަބޫލުކުރެވިއްޖެ. އެހެންވީމާ ކުރިއަށް އޮތް އަހަރު އަދި ވަރަށް ބޮޑު ތަފާތެއް ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިމިގެން ދިޔަ އަހަރު ކުރެވުނު މަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް ހިތްހަމަޖެހޭކަމަަކީ ހަމަޖެހުމާއި ސުލްހައާ އެކު ރާއްޖޭގައި ބިރެއް ނެތި އުޅެވޭނެގޮތް ހަދައިދިނުން ކަމަށެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ އިންތިހާބަކީ އެޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވާ އިންތިހާބެވެ. ގާތްގަނޑަކަށް 87،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ މި އިންތިހާބުގައި އެމްޑީޕީގެ ރައީސްކަމަށް ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ އިރު، ނައިބު ރައީސްކަމަށް ވާދަކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުތަކަކީ ރައްޔިތުންނަށް ފެންނަ ގޮތް ހާމަކުރަން ބާއްވާ ވަރަށް ބޭނުންތެރި އެއްޗެއް ކަމަށާއި މިއަދު ކުރިއަށްދާ އިންތިހާބަކީ ޑިމޮކްރަސީ ހަރުދަނާކުރުމުގެ އިތުރު ހަރަކާތެއް ކަމަށެވެ. އަދި މިނިވަންކަމާއެކު ކުރެވޭ މިފަދަ މަސައްކަތުން ބޮޑެތި ކުރިއެރުން ލިބޭކަމަށް ރައީސް ވިދާޅުވިއެވެ.

"އެމްޑީޕީއަކީ އަބަދުވެސް މިކަހަލަ އިންތިހާބްތައ އެތެރޭގައި ކެނޑިނޭޅި ބާއްވަމުންދާ ޕާޓީއެއް. މިއަދުވެސް ވަރަށް އޮމާންކަމާއެކީ އިންތިހާބްކުރިއަށްދާތަން އަޅުގަނޑަށް މިފެންނަނީ" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ އިންތިހާބަށް ތައުރީފުކުރައްވައި ރައީސް އަނެއްކާވެސް ވިދާޅުވީ އެ އިންތިހާބުން އެމްޑީޕީ މެމްބަރުން އިންތިހާބުތަކަށް ތަސައްރަފު ފުދޭ، އަދި ކަންކުރަން އެނގިގެން ކުރާ ބައެއްކަން ހާމަވެެއްޖެ ކަމަށެވެ.

"އަޅުގަނޑު އެދެނީ މި ޕާޓީގެ އެެތެރޭގައި ބޭއްވޭ މިފަދަ އިންތިހާބުތަކުގައި ގިނަ މެމްބަރުން ބައިވެރިވެ އެފަދަ ވިސްނުން ހުރި ގޮތަށް ކަންތައްތައް ނިމިގެންދިއުން. އޭރުން ޕާޓީ ހިންގުމުގައި ޑިމޮކްރަސީއާ އެއްގޮތަށް ކަންތައްތައް ނިމިގެން ދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.