22 Nov 2019, 17:40
ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯންޏެއްގައި ރޭ ވަޅިން ހަމަލާ ދިނުމަށްފަހު ޒުވާނަކު ކަނޑަށް އެއްލާލި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ދޯނީގެ ފަޅުވެރިއެއް ކަމަށެވެ.
ވަޅިން ހަމަލާ ދިން ރ. މަޑުއްވަރީއަށް އުފަން 26 އަހަރުގެ ޒުވާނާއަކީ ފާނަ މަސްވެރިކަން ކުރާ އެ ދޯނީގައި އެންމެ އިސް މީހާގެ ގޮތުގައި މަސައްކަތްކުރާ މީހާ ކަމަށް އެނގިފައިވެއެވެ.
ރޭ ދަންވަރު 3:00 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ އެ ޒުވާނާ މިއަދު ހެނދުނު އެމްއެންޑީއެފްގެ ބެލުމުގެ ދަށުން މާލެ ގެނައުމަށްފަހު، އައިޖީއެމްއެޗްގައި އަންނަނީ އޭނާއަށް ފަރުވާ ދެމުން އެވެ.
ފުލުހުން ބުނީ އެ ޒުވާނާ ޒަހަމްވީ ލަނޑާ މަސްވެރިކަން ކުރާ ދޯންޏެއްގައި ރޭ ދަންވަރު ހިނގި ހަމަނުޖެހުމެއްގައި އެ ދޯނީގައި ދެން ތިބި މީހުން އޭނާގެ ގައިގާ ވަޅި އަޅައި މޫދަށް އެއްލައިލުމުން ކަމަށެވެ.
މައުލޫމާތު ހުރި ފަރާތަކުން ބުނި ގޮތުގައި މަޑުއްވަރީ ދޯނީގެ އެހެން ފަޅުވެރިން އޭނާ ގައިގައި ވަޅި އަޅައި ކަނޑަށް އެއްލައިލި، ފަހުން ކައިރީގައި އޮތް އއ. މާޅޮހަށް އަރަނިކޮށް ދޯނީގައި ތިބި މީހުންނަށް ފެނުމުން އެ މީހުން އޭނާ ހޯދަން އެރަށަށް އެރި ކަމަށްވެ އެވެ. ފުލުހުން ވެސް ބުނެފައިވާ ގޮތުގައި އޭނާ މާޅޮހަށް އެރީ އަމިއްލައަށް ފަތާފަ އެވެ.
އެ ޒުވާނާ މާޅޮހަށް އަރައި ދޯނީގެ ފަޅުވެރިންނަށް ފިލީ ފާރެއްގެ ބިއްދޮށަށް ވަދެގެން ކަމަށް ވެސް ބައެއް މަސްދަރުތަކުން ބުންޏެވެ. އެ ޒުވާނާ އެތަނުގައި އޮއްވާ، ފެނުނީ އެ ރަށުގެ ދެ ޒުވާނަކަށެވެ. އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައީ ވެސް އެ ދެ މީހުން ކަމަށްވެ އެވެ.
ސިއްހީ މަރުކަޒުގައި އޭނާއަށް ފަރުވާ ދެމުން ދަނިކޮށް ލަނޑާ ނަގާ ދޯނީގެ އެހެން ފަޅުވެރިންތަކެއް އައިސް ދޯނީގެ ފަޅުވެރިއެއް ގެއްލިގެން ހޯދަމުންދާ ވާހަކަ ބުނި ކަމަށްވެ އެވެ.
މާޅޮހު ކައުންސިލްގެ ނައިބު ރައީސް ފަޒީލް އަހްމަދު ވެސް "ސަން"އަށް ވިދާޅުވީ، ރޭ ދަންވަރު އެ ރަށުގެ ދެ ޒުވާނަކަށް އޭނާ ފެނުނީ ސަލާމަތަށް އެދި ގޮވަމުން ހަޅޭލަވަމުން އޭނާ އަންނަނިކޮށް ކަމަށެވެ. އަދި އޭރުވެސް އެ ޒުވާނާގެ ގައިގައި ޒަހަމްތައް ފެންނަން ހުރި ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދޯނީގެ ފަޅުވެރިއެއް ގެއްލިގެން ކަމަށް ބުނެ އެ ދޯނީގެ އިތުރު ފަޅުވެރިންތަކެއް ވެސް އެ ރަށުގެ ތެރޭގައި އުޅުނެވެ.