އިސްލާމް ދީނުގެ އިލްމު ފެތުރުމާއި ހައްދު ފަހަނައަޅާ ދިޔުމުގެ އަމަލުތަކަކީ އެއް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ގޯހެއް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީއަށް ނިސްބަތްވާ އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީނުގެ ދައުވަތު ފެތުރުމަކީ، ދީނީ އިލްމުވެރިންގެ ޒިންމާއެއް ކަމަށެވެ. އަދި އެއީ އިސްލާމްދީނުގެ ނަމުގައި ހިންގާ ހައްދު ފަހަނައަޅާފައިވާ އަމަލުތަކާ ގުޅުވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ހޯމް މިނިސްޓަރުގެ ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ.

"އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަ އަޅާފައިވާ އަމަލުތަކާއި އިސްލާމްދީނުގެ ހައްގު ދައުވަތުގެ މަސައްކަތް އެއީ އެއްކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް،" މިނިސްޓަރުގެ ޓުވީޓުގައި ވެއެވެ.

އިމްރާން އެފައިން ވިދާޅުވިއިރު ރާއްޖޭގެ ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފްގެ މައްޗަށް ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.

ނަމަވެސް ޓެރަރިމްއަށް ހިތްވަރު ނުދޭކަމަށް ބުނެ، އެ ތުހުމަތުތައް ވަނީ ސަލަފުން ދޮގުކޮށްފަ އެވެ.

ޖަމިއްޔަތުލް ސަލަފަކީ ހައްދުފަހަނަ އަޅާފައިވާ ފިކުރަށް ވާގިދޭ ޖަމިއްޔާއެއް ކަމުގައި ކަނޑައަޅައި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅިގެންނާއި، ހައްދުފަހަނައަޅާފައިވާ ފިކުރުގެ ހަރަކާތްތަކަށް އެ ޖަމިއްޔާއިން ފަންޑު ކުރިތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިހާރު ވަނި ނިންމައިފަ އެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ގޮތްނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ނެރނު ރިޕޯޓުގައި، ޑރ. އަފްރާޝީމްގެ ފަހަތުގައި ނަމާދުނުކުރުމަށް ގޮވާލާ ޖަމިއްޔަތުލް ސަލަފުން ނެރުނު ފަތުވާއެއްގެ ވާހަކަތައް ހިމަނާފައިވެ އެވެ. އަދި އެ ރިޕޯޓްގައި އެކުލަވާލާފައި ވަނީ، ސަލަފުގެ އަމަލުތަކުން ހަރުކަށި ފިކުރުގެ މީހުންނަށް ޑރ. އަފްރާޝީމް މަރާލަން ހިތްވަރު ލިބުނުކަމަށް ދޭހަވާ ގޮތަށެވެ.

ސަލަފް ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ މީހުން އެކި ފަހަރު މަތިން ޑރ. އަފަރާޝީމަށް ކުރިމަތިކުރުވަމުން ދިޔަ ނުރައްކަލުން ނަޒަރު އެއްކިބާކޮށް، ހަމައެކަނި ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކުން ޑރ. އަފްރާޝީމްއަށް ދީފައިވާ ރައްދުތައް އޭނާގެ މަރާ ގުޅުވުމަކީ މާނައެއް ނެތް ކަމެއް ކަމަށާއި އެއީ ނުބައި އެޖެންޑާއެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި ރިޕޯޓު އެކުލަވާލާފައި ވަނީ ހަގީގަތުގައި ޖަމިއްޔަތުލް ސަލަފު ނޭނގި ތިބެ، ޖަމިއްޔަތުލް ސަލަފާއި އަދާވާތްތެރި ވަކި ބައެއްގެ އެންގުމުގެ މައްޗަށް ކަމަށާއި އެހެންކަމުން މަރު ކޮމިޝަނުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭކަމަށް ސަލަފުން ތުހުމަތުކޮށްފައިވެ އެވެ.