23 Nov 2011, 13:07
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެންދުރު ފަހުގެ ދަންފަޅި ފެށުމަށް ބޭނުންވާ ކޯރަމް ކަމަނުވެގެން ޖަލްސާ ނިންމަވާލައްވައިފި އެވެ.
އެއްގަޑި ހަ މިނިޓްގައި ޖަލްސާ ނިންމަވާ ލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ތިން ފަހަރެއްގެމަތިން ކޯރަމް ލިބޭތޯ މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ކޯރަމް ރަނގަބީލު ޖެހުމުން ވެސް ކޯރަމް ހަމަނުވުމުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.
"މިދަންފަޅީގެ މަސައްކަތް ފެށުމަށް ބޭނުންވާ ކޯރަމް ލިބޭތޯ ގަވާއިދުގައިވާ ގޮތުގެ މަތިން ކޯރަމް ރަނގަބީލު ޖެހުމަށް ފަހުގައި ވެސް ކޯރަމް ކަމައެއްނުވި. މިއަދު ކޯރަމް ލިބޭތޯ ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށް ދޭތެރެއަކުން މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުނު. ނަމަވެސް މިދިމާވި ގޮތުން މި ދަންފަޅި ފެށުނީ ގޯސްކޮށް. އެހެންކަމުން ގަވާއިދުގައިވާ ގޮތުގެ މަތިން މިއަދުގެ ޖަލްސާ އަޅުގަނޑު ނިންމައިލަން. ތިން ފަހަރު މަސައްކަތްކޮށްގެން ވެސް އަޅުގަނޑަކަށް މިކަމެއް ނުކުރެވުނު،" ޝާޙިދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލިގެން ފުރަތަމަ، ޖަލްސާ މެދުކަނޑައިލީ 9:33ގަ އެވެ. ކޯރަމް ރަނގަބީލު ޖެހުމުން ވެސް ކޯރަމް ހަމަނުވެގެން އެ ގަޑީގައި ޖަލްސާ މެދުކަނޑުއްވާ ލެއްވީ 30 މިނިޓްގެ ހުސް ވަގުތުކޮޅެއް ދެއްވުމަށް ފަހު 10:00 ގައި ޖަލްސާ ފެށުމަށެވެ. ނަމަވެސް އެ ގަޑީގައި ވެސް ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަ ނުގެން ދެން ޖަލްސާ ފެށީ 11:00 ގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ޝާހިދު ވިދާޅުވީ، އެވަގުތު ޖަލްސާގައި ތިއްބެވި މެންބަރުންގެ ނަންތައް ޔައުމިއްޔާގައި ލިއުއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކޯރަމް ހަމަނުވެގެން މެދުކަނޑާލަން ޖެހުނެވެ.