19 Jun 2010, 14:41
14:30
ދަރުމަވަންތަ ސްކޫލުން ހިރިޔާ ސްކޫލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ޓީޗަރަކާ މެދު ހިރިޔާ ސްކޫލްގެ ބޯޑުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނިކޮށް، އެ ޓީޗަރުގެ މައްޗަށް ހުށަހެޅުނު މައްސަލަ ޝަރުއީ ކޯޓަކުން ވެސް ސާބިތުވެފައިނުވާ ކަމަށް ބުނެ އެ އެޓީޗަރު ވަޒީފާގެ ހައްގުން މަހްރޫމް ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ހިރިޔާ ސްކޫލްގެ ދިވެހި ޓީޗަރެއްގެ ގޮތުގައި ހަމަޖެއްސުމަށް އެޑިއުކޭޝަނުން ހަމަޖައްސާފައިވާ ޓީޗަރަކީ، ކޯސް ނިންމައި މާލޭގެ ބައެއް ސެކެންޑްރީ ސްކޫލްތަކަށް ވަޒީފާއަށް ނިކުތް ފަރާތްތަކުގެ ތެރެއިން ހިރިޔާ ސްކޫލްގެ ވަޒީފާ އަށް ކުރިމަތިލާފައިވާ ޓީޗަރުންގެ ތެރެއިން ޓީޗަރެއް ކަމަށެވެ. އަދި އެއީ ހިރިޔާ ސްކޫލަށް ޓީޗަރުން ހޯދުމަށް ކުރި މަސައްކަތުގެ ދަށުން، ހޯދާފައިވާ ޓީޗަރެއް ކަމަށާއި، އޭނާއަށް ހިރިޔާ ސްކޫލްގެ ވަޒީފާ ހަމަޖައްސާފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުން ހުށަހަޅައިގެން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޑރ. އާމާލް އަލީ ނެރުއްވާފައިވާ އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދަރުމަވަންތަ ސްކޫލުން ހިރިޔާ ސްކޫލަށް ބަދަލުކުރުމަށް ހަމަޖައްސާފައިވާ އެ ޓީޗަރާ މެދު ހިރިޔާ ސްކޫލްގެ ބޯޑުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވީ ނަމަވެސް އެޓީޗަރު ވަޒީފާ އަށް ނެރުމަށް އެޑިއުކޭޝަނުން ނިންމީ އޭނާގެ މައްޗަށް ތުހުމަތު ކުރެވިގެން ހުށަހަޅައިފައިވާ މައްސަލަ ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކޮށްފައި ވާތީ ކަމަށެވެ.
އޭނާ ކުރިން ވަޒީފާ އަދާކުރި ދަރުމަވަންތަ ސްކޫލްގެ ބޯޑު މެމްބަރަކު މިއަދު ވިދާޅުވީ އެ ޓީޗަރު އެ ސްކޫލަށް ބޭނުން ނޫން ކަމަށް އެޑިޔުކޭޝަނަށް އެންގީ ފޮޓޯތަކެއް ސްކޫލް ތެރެއަށް ލީކްވުމާ ގުޅިގެން ކަމަށެވެ. އަދި 2008 ވަނަ އަހަރު ފެންމަތިވި އެ މައްސަލައާ ގުޅިގެން ދެވަނަ ފަހަރަށް އޭނާއަށް ވަޒީފާ ދިނުމަށް އެޑިއުކޭޝަނުން އެދުނު ނަމަވެސް އެފަދަ ކަންތައް ކުރާ މީހެއް ބޭނުން ނޫން ކަމަށް ސްކޫލް ބޯޑުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިރިޔާ ސްކޫލުން ވެސް ދެކޮޅު ހަދަނީ އެ ކަހަލަ ވިޔާނުދާ އަމަލުކުރާ މީހަކު ސްކޫލް މާހައުލަށް ގެންނަން ބޭނުން ނުވާތީ ކަމަށާއި ޚާއްސަ ކޮށް އަންހެން ކުދިންތަކެއްގެ ތެރެއަށް އެފަދަ މީހަކު ގެންނަން ބޭނުން ނުވާތީ ކަމަށް ހިރިޔާ ސްކޫލްގެ ޕޭރެންޓް އެސޯސިއޭޝަންގެ ނައިބް ރައީސް އަހުމަދު ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ހިރިޔާ ސްކޫލަށް ވެއްދުމަށް ހަމަޖައްސާފައިވާ އެ ޓީޗަރާމެދު ހިތްހަމަނުޖެހިގެން ވަރަށް ގިނަ ޓީޗަރުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށާއި އެޑިއުކޭޝަން މިނިސްޓަރަށް ހުށަހެޅުމަށް ފެޓިޝަނެއް ތައްޔާރުކުރަން ފަށައިފައި ކަމަށެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.