22 Nov 2019, 18:11
އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފިއެވެ.
އިސްރާއިލްގެ ބަންޑާރަ ނައިބް އޮފީހުން ނަތަންޔާހޫގެ މައްޗަށް ދައުވާއުފުލައިފައިވަނީ ތިން މައްސަލައެއްގައެެވެ.
އޭގެތެރެއިން އެއް މައްސަލައަކީ މަހުޖަނެއްގެ އަތުން ހަދިޔާތަކެއް ނެގި މައްސަލަ އެވެ. އޭގެއިތުރުން މީޑިއާގައި ނަތަންޔާހޫގެ މޫނުމަތި ރީތިކުރަން ބައެއް ކަންތައްތައް އަޑިއަޑިން ކޮށްދިނުމުގެ މައްސަލައެއްވެސް ހިމެނެެއެވެ.
ނަތަންޔާހޫ ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތައް ދޮގުކުރައްވައި އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވައިފައެވެ.
ނަތަންޔާހޫ އެކަމާ ގުޅޭ ގޮތުން ވިދާޅުވީ އެއީ ރާވައިގެން ހިންގާ ބަޣާވާތެއް ކަަމަށެވެ.
ރޭ ޓީވީގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އޭނާގެ މައްސަލަތައް ތަހުގީގުކުރާ މީހުން އުޅެނީ ކޮންމެހެން ކަމުގެ ހަގީގަތް ހޯދަން ނޫންކަމަށާއި އެމީހުން އަމާޒަކީ ސީދާ އޭނާ ކަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގުކުރާ މީހުންގެ މައްސަލަތައް ބަލަންޖެހޭ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވިއެވެ.
ނަތަންޔާހޫގެ މައްޗަށް ދައުވާ އުފުލިއިރު އިސްރާއިލްގައި އެންމެ ފަހުން ބޭއްވި ދެ އިންތިހާބުންވެސް އަގުލަބިއްޔަތު ނުލިބި ނަތަންޔާހޫއަށް ސަރުކާރެއް ވަނީ އެކުލަވާނުލެވިފައެވެ. އަދި ނަތަންޔާހޫގެ އިދިކޮޅު ބެނީ ގާންޓްޒްއަށް ވެސް ވަނީ ސަރުކާރެއް އެކުލަވާ ނުލެވިފައެވެ.
ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުުލުމުން، ބެނީ ވަނީ އެކަމަށް ތާއިދުކުރައްވައިފައެވެ.