22 Nov 2019, 15:10
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕަަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން ފަށައިފި އެވެ.
މާލެ ހިމެނޭ ގޮތުން އެމްޑީޕީގެ ހަރުގެއެއް ހުންނަ ކޮންމެ ރަށެއްގައި މިއަދު މެންދުރު ފަހު 2:30 ގައި ވޯޓްލުން ފެށިއިރު، މިއަދުގެ އިންތިހާބަކީ އެ ޕާޓީގެ ރައީސް ކަމާއި ނައިބުު ރައީސްކަމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބެކެވެ.
އިންތިހާބުގައި ވޯޓްލުމަށް މާލޭގައި ދެ ފޮއްޓެއް ވަނީ ބަހައްޓައިފަ އެވެ. އެއީ މާލެއަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން ވޯޓުލާން އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށި އަދި އަތޮޅު ތެރެއަށް ނިސްބަތްވާ މެންބަރުން ވޯޓު ލުމަށް އެމްޑީޕީ ހަރުގޭގައި ބަހައްޓާފައިވާ ފޮށްޓަށެވެ.
މީގެ އިތުރުން، ހުޅުމާލެ ޣާޒީ ސްކޫލު އަދި ވިލިމާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި ވެސް ފޮށްޓެއް ބަހައްޓާނެ އެވެ. ހަމައެއާއެކު އަވަށްޓެރި ސްރީލަންކާގައި ވެސް ވަނީ ވޯޓުލުން ފަށައިފަ އެވެ.
އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލެއްވީ އެ ޕާޓީގެ މިހާރުގެވެސް ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެހެން ކަމުން އެމަނިކުފާނު ރައީސްކަމުގައި ހުންނަން ފެނޭތޯ ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.
މީގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސްކަމަށް ދެބޭފުޅުން ވާދަކުރައްވަ އެވެ. އެއީ އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަދި އެ މަގާމަށް އަލަށް ވާދަކުރައްވާ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.
އެދެބޭފުޅުންގެ މެދުގައި ވަރަށް ވާދަވެރި ކެމްޕޭންތަކެއް ވަނީ މިިދިޔަ މަހެއްހާ ދުވަހު ކުރިއަށް ގެންގޮސްފަ އެވެ.
އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު އެ ޕާޓީގެ އެންމެ އިސް ފަރާތް ރައީީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިހާރު އެ އިންތިހާބުގައި ވޯޓް ދެއްވައިފަ އެވެ. އަދި އެމްޑީޕީގެ ރައީސް ނަޝީދާއި ނައިބު ރައީސްކަމަށް ވާދަކުރައްވާ މުހައްމަދު ޝިފާޒް ވެސް ވަނީ އިންތިހާބުގައި ވޯޓް ދެއްވައިފަ އެވެ.
އެ އިންތިހާބުގެ ވޯޓްލުން ބަންދުވާނީ މިއަދު އިރުއޮއްސި 6:00 އަށެވެ. އަދި މިރޭގެ ވަގުތެއްގައި ނަތީޖާ ސާފުވާނެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.