ސަރުކާރުން ހިންގާ ހުރިހާ ސްކޫލްތަކެއްގައި ކިޔަވާ ދަރިވަރުންނަށް އަންނަ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި ސްޓޭޝަނަރީ ވައުޗަރުތައް އިއްޔެ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނާއި ބެލެނިވެރިންނަށް ވީހާވެސް ފަސޭހަ ނިޒާމަކުން ފޮތް ހަވާލުކުރުމުގެ މަސައްކަތްތައް ކުރުމުގެ ގޮތުން ދުރާލާ ރޭވިގެން، ސަރުކާރުން ރާއްޖޭގައި ހިންގާ 213 ސްކޫލްއަށް މި މަހުގެ ދެވަނަ ވަނަ ދުވަހުން ފެށިގެން އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ފޮނުވާފައިވާ ކަމަށެވެ.

ދަރިވަރުން ނިސްބަތްވާ ސްކޫލަކުން އެ ފޮތްތައް އިއްޔެއާ ހަމައަށް ދަރިވަރުންނާއި ހަވާލުކޮށް ނިމިފައިވާކަމަަށް މިނިސްޓްރީން ބުންޏެވެ. އެ ފޮތްތަކުގެ ތެރޭގައި ހިމެނެނީ ނޭޝަނަލް ކަރިކިއުލަމްގެ ދަށުން އަންނަ އަހަރު ދަރިވަރުން ކިޔެވުމަށް ބޭނުންވާ ޓެކްސްޓް ފޮތްތަކެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި އިއްޔެ ވަނީ ސްކޫލްތަކުގައި ރިޕޯޓްފޯމު ދީފަ އެވެ. މިއަހަރު 1-12 އަށް 72،950 ދަރިވަރުން ވަނީ ރާއްޖޭގެ ސަރުކާރު ސްކޫލްތަކުގައި ތައުލީމް ހާސިލްކޮށްފަ އެވެ.

ދިރާސީ އަހަރުނިމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ދިރާސީ އަހަރު ނިމިގެން ދިޔައީ ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކާ އެއްގޮތަށް ހާސިލުކުރަން ޖެހޭ އެންމެހާ ލަނޑުދަނޑިތައް ފުރިހަމައަށް ހާސިލްކުރެވިގެންކަން ކަމަށެވެ. އަދި މިއަހަރުގެ ދިރާސީ ކާމިޔާބު ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ދޮޅު މަހުގެ ބޮޑު ޗުއްޓީއަށް ފަހު ސްކޫލްތައް ދެން ހުޅުވޭނީ އަންނަ ޖެނުއަރީމަހުގެ 12 ވަނަ ދުވަހު އެވެ.