22 Nov 2019, 11:09
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ސްރީލަންކާގެ ހަތް މަސްބޯޓެއް އެމްއެންޑީއެފް އިން މިއަދު ހިފަހައްޓައިފި އެވެެ.
އެމްއެންޑީއެފް އިން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ލަންކާގެ ހަތް މަސްބޯޓުން ވެސް ދިޔައީ، ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ކަމަށެވެ. އޭގެ ތެރެއިން ދެ ބޯޓުން، ގެންދިޔައީ ދާ އަޅައިގެން މަސްވެރިކަން ކުރަމުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ ބޯޓްތައް ހިފެހެއްޓީ، މާލޭގެ އިރުން 175 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު އަލީގެ ބެލުމުގެ ދަށުން ބޯޓްތައް މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ސިފައިން ބުނީ އެ ބޯޓްތައް އަތުލައިގަތުމުގެ އޮޕަރޭޝަން ސިފައިން ފެށީ އިއްޔެގެ ވަގުތެއްގައި، "އަސުރުމާ – 3" ނަމަކަށްކިޔާ މަސްދޯންޏަކުން ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ.