މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީންތަކެއް ބަނގުރާ ތައްޔާރުކުރުމަށް ކައްކަމުން ދަނިކޮށް، އެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ބިދޭސީންތަކެއް ދިރިއުޅެމުން ދާ މޗ. ފަސްތަރިގެއިން މިއަދު ހެނދުނު 9:45 އެހާއިރު ދުން އަރަމުން ދާތީ، އެކަން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއަށް ރިޕޯޓްކުރި އެވެ. އަދި އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ބިދޭސީންތަކެއް ބަނގުރާ ކައްކަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ބަނގުރާ ކައްކަމުން ދިޔައީ، އެ ގޭގެ ފާހާނާއެއްގެ ތެރޭގަ އެވެ.

ބަނގުރާ ކައްކަން ތިބި ތިން ބިދޭސީން އަލިފާން ހިފުމާ އެކު އެތަނުން ފިލަން މަސައްކަތް ކުރި އެވެ. ނަމަވެސް އެތިން މީހުން ފިލަން ދުވަނިކޮށް ފުލުހުން ވަނީ އެ މީހުން އަތުލައިގެންފަ އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.