23 Nov 2011, 11:56
އަހަރަކު 1000 ކުދިންނަށް މަތީ ތަޢްލީމް ޙާޞިލު ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސެވުމަށާއި މިކަން ޙާޞިލު ކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޚާއްޞަ ޔުނިޓެއް ޤާއިމު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ. މިކަން މިގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މަތީ ތަޢުލީމު ޙާޞިލު ކުރުމަށް މާލީ އެހީ ދިނުމުގެ ސިޔާސަތެއް އެކުލަވާލެއްވުމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިކަމާ ބެހޭ ގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށް ފަހު، މަޖިލީހުން މި ނިންމެވި ގޮތުގެ މަތިން، މިކަން ކޯޑިނޭޓް ކުރައްވައި ހިންގެވުމަށް ކޮމިޓީއެއް ހޮއްވެވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އެ ކޮމިޓީގެ އިސް ބޭފުޅަކީ، ނައިބު ރައީސް ޑރ. މުޙަންމަދު ވަޙީދެވެ. ކޮމިޓީގައި ތިއްބަވާ އެހެން ބޭފުޅުންނަކީ، މިނިސްޓަރު އޮފް އެޑިޔުކޭޝަން ޞިފާ މުޙަންމަދާއި މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް ޙަސަން ލަޠީފާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއެވެ.
އިއްޔެގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގިންތިން، މެދު އާމްދަނީ ލިބޭ ޤައުމުތަކުގެ ގިންތިއަށް ރާއްޖެ ބަދަލުވެފައި ވިޔަސް، މިފަދަ އެހެން ޤައުމުތަކާ އަޅާބަލާ އިރު، ރާއްޖޭގެ ޒުވާނުންނަށް، މަތީ ތަޢްލީމާއި އެކިއެކި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެވޭ ނިސްބަތް މާބޮޑަށް ވެސް ދަށްކަން ފާހަގަކުރެއްވި އެވެ. އަދި މަތީ ތަޢްލީމު ޙާޞިލު ކުރަން ބޭނުންވާ ދަރިވަރުންނަށް ދެމެހެއްޓެނިވި އަދި ހަރުދަނާ ގޮތެއްގައި ތަޢްލީމް ޙާޞިލު ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.