21 Nov 2019, 22:31
ތެހެރާން (ނޮވެމްބަރު 21): ޕެޓްރޯލް އަގުބޮޑުކުރުމާ ގުޅިގެން އީރާނުގެ އާންމުންގެ ބަޔަކު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.
އީރާނުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރޫހާނީ ވިދާޅުވީ މުޒާހަރާތަކުގެ ފަހަތުގައިވާ އިސް ލީޑަރުންނާއި ހަރުކަށި އެކްޓިވިސްޓުން ހައްޔަރުކުރެވުމާއެކު މުޒާހަރާތައް ވަރަށް ބޮޑަށް މައިތިރި ވެފައިވާ ކަމުގައެވެ. މުޒާހަރާތަކުގެ ފަހަތުގައިވާ އިސް ލީޑަރުންނަކީ އީރާނުގައި ހަމަނުޖެހުން އުފައްދައި މުޖްތަމައު ބައިބައިކުރުމަށް އީރާނުގެ ދުޝްމަނުން ރާވާފައިވާ އެޖެންޑާތަކުގެ ދަލުގައި ޖެހިފައިވާ ފަރާތްތައްކަންވެސް ރޫޙާނީ ވަނީ ފާހަގަކުރައްވާފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އީރާނުގައި ހިނގި ހަމަނުޖެހުންތަކަށް ތަރްހީބު ދެއްވައި ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ހިތްވަރު ދެއްވައި ވާހަކަ ދައްކަވާފައެވެ. ޕޮމްޕެއޯ މިގޮތަށް ވާހަކަ ދެއްކެވުމުން އީރާނުގެ ރަސްމީ މީޑިއާއިންވަނީ ގައުމުތަކުގެ ސަރުކާރުތައް ވައްޓާލުމަށް އެމެރިކާ ހިންގާ ހަރުކަށި އަމަލުތައް ސީރިއާގައި ހުއްޓުވާފައިވާނެކަމާއި ދެން އެ ފުރުސަތު އެމެރިކާއަށް ނޯންނާނެކަމަށް ބުނެފައެވެ.
ސީރިއާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށްޓަކައި ސީރިއާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދީގެން އެމެރިކާއާއި އެމެރިކާގެ ވަށައިގެން އެނބުރޭ ގައުމުތަކުން ކުރި މަސައްކަތް ހުއްޓުވާފައިވަނީ ރަޝިޔާއާއި އީރާން އަސްކަރީ ގޮތުން ސީރިއާއަށް ވަދެގެންކަމަށްވެސް އީރާނުގެ މީޑިއާ ބުނާއިރު މިކަމުގައި އދގެ ސަލާމަތީ މަޖިލީހުގައި ޗައިނާވެސް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
އީރާނުގައި ހަމަނުޖެހުންތައް އުފެދުނީ ޕެޓްރޯލްގެ އަގު 50 އިންސައްތައަށް ބޮޑުކުރުމާ ގުޅިގެންނެވެ. މީގެ 10 ވަރަކަށް ދުވަސްކުރިން ފެށި މުޒާހަރާތަކުގައި މަދުވެގެން 100 މީހުން މަރުވރެފައިވާނެކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން އަންދާޒާކޮށްފައިވާއިރު އީރާން ސަރުކާރުން ބުނެފައިވަނީ މުޒާހަރާތަކުގައި މަރުވެފައިވަނީ ދިހަވަރަކަށް މީހުން ކަމުގައެވެ.
މުޒާހަރާތައް އީރާނުގައި ފެތުރިގެން ދިއުމުން އެކަން ހުއްޓުވީ އީރާނުގެ އެންމެ ބާރުގަދަ ލަޝްކަރުކަމަށްވާ ރިވޮލިއުޝަނަރީ ގާޑުން ބޭނުންކޮށްގެންނެވެ. ގާޑުން މުޒާހަރާތައް ހުއްޓުވުމަށްޓަކައި ބާރުގެ ބޭނުންކުރުމަށްވުރެ ބޮޑަށް އިސްކަން ދިނީ ޖާސޫސީ މައުލޫމާތު ބޭނުންކޮށްގެން މުޒާހަރާތަކުގެ އިސްލީޑަރުން ހައްޔަރު ކުރުމަށްކަމަށްވެސް އީރާނުގެ މީޑިއާއިން ބުނެފައިވެއެވެ.
މުޒާހަރާތައް މައިތިރިވުމާއެކު އީރާން ސަރުކާރުންވަނީ މުޒާހަރާތަކާ ގުޅިގެން ކަނޑާލާފައިވާ އިންޓާނެޓްގެ ޚިދްމަތްވެސް އަލުން ދޭން ފަށާފައެވެ. މިގޮތުން ވެރިރަށް ތެހެރާނަށާއި ގިނަ ޕްރޮވިންސްތަކަށް މިއަދު އިންޓަނެޓްގެ ޚިދްމަތް އަލުން ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
(އަލްއާލަމް)