21 Nov 2019, 23:03
ލޯފަން ކުދިންނަށް ގުރުއާން ކިޔަވައިދޭން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި ހާއްސަ ލެބެއް ގާއިމުކުރަން ނިންމައިފިއެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ "ސަން"އަށް ވިދާޅުވީ އެ ލެބް ހިމެނޭ ކްލާސްރޫމްއިން ލޯފަން ކުދިންނަށް ގުރުއާން ކިޔަވައިދީ ދަސްކޮށްދޭނީ ހިލޭ ކަމަށެވެ.
ޑރ. ޒަކަރިއްޔާ ވިދާޅުވީ އެ ކްލާސްރޫމްގައި އެންމެ މިޒަމާނުގެ ވަސީލަތްތައް ބަހައްޓައި ގުރުއާން އަޑުއެހުމާއި އަދި އެކުއްޖަކު އަމިއްލައަށް ކިޔަވަން ބޭނުންވެއްޖެ ކަަމެއް ވެއްޖިއްޔާ އެ ކުއްޖަކު އަމިއްލައަށް ކިޔެވުމަށް އަދި ކިޔެވި ތަންކޮޅު ރަނގަޅުކުރުމަށް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ ކަަމަށެވެ.
އެ ލެބް ގާއިމުކުރަނީ ސަރުކާރުގެ ބަޖެޓުން ނޫން ކަމަށާއި އެކަން ކުރަނީ ހެޔޮ އެެދޭފަރާތްތަކެއްގެ އެހީގައި ކަމަށްވެސް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.
ތިރީސް ކުދިންގެ ޖާގަ ހިމެނޭ އެ ލެބް އަންނަ އަހަރު ޖެނުއަރީ ނުވަތަ ފެބްރުއަރީ މަސް ހިސާބުގައި ހުޅުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ލެބުގައި ރާއްޖެއަށް ބޭނުުންވާ ގާރީން ތަމްރީނުކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި އަދި އަމާޒަކީ ބޭރުން އިމާމުން ނުގެންނެވަރަށް ގާރީން ތަމްރީންކުރުން ކަަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.