ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ މަރާ ގުޅޭގޮތުން މަރު ކޮމިޝަނަށް ދޮގު މައުލޫމާތު ދިންކަމަށް ބަލައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ މެދު ގާނޫނީ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ގެއްލުވަލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ 36 ފަރާތަކަށް ޑރ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން ހިންގާފައިވާ އެކިއެކި ކަންކަމުގެ މައުލޫމާތު އެކި ގޮތްގޮތުން އެކި މިންވަރަށް ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އަފްރާޝީމް މަރާލުމުގެސީދާ އަމަލު ހިންގުމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކާއި، އެ ޖަރީމާ ހިންގުމަށްރޭވި ރޭވުމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކާއި މަރު ކޮމިޝަނަށްތެދު ނޫން މައުލޫމާތު ދިން ފަރާތްތަކާއި މައުލޫމާތު ހިއްސާކުރަން ޖެހޭ ވަގުތުގައި ހިއްސާނުކޮށް ތިބި ފަރާތްތަކާއި، އެ މައުލޫމާތުގަސްތުގައި ސިއްރުކުރިފަރާތްތައް ހިމެނެއެވެ.

ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމަނާފައި ވަނީ އެ މައުލޫމާތު އެކި މިންވަރަށް އެނގިތިބެ ސިއްރުކުރި ފަރާތްތަކާ މެދު ލަސްނުކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ހިމަނައިފައެވެ.

އަފްރާޝީމްގެ މަރާ ގުޅޭގޮތުން ހިންގާފައިވާ އެކިއެކި ކަންކަމުގެ މައުލޫމާތު އެކި ގޮތްގޮތުން އެކި މިންވަރަށް ލިބުނު މީހުންގެ ތެރޭގައި ޑރ. ޝަހީމްގެ ނަންވެސް ހިމެނެއެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ކޮމިޝަނަށް ޑރ. ޝަހީމް ދޮގު މައުލޫމާތު ދިން ކަމަށެވެ.

އެގޮތުން "ޑރ. އަފްރާޝީމް ރުޖޫއަވެ މީޑިއާގައި އިއުލާނުކޮށްފިނަމަ، އެ މެސެޖު ފޮނުވި ބަޔަކު ޑރ. އަފްރާޝީމް ދެކެ ލޯބިވާނެ"ކަމަށް ބުނެ ޑރ. ޝަހީމަށް މެސެޖެއް ލިބިފައިވާ ކަމަށާއި އަދި ޝަހީމް އެ މެސެޖު އަފްރާޝީމަށް ފޯވާޑު ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ޑރ. ޝަހީމަށް އެ މެސެޖު ފޮނުވީ ކޮން ފަރާތަކުންކަން ސާފުކުރުމަށް ކޮމިޝަނުން އެދިފައިވާނެ ކަމަށާއި ނަމަވެސް އެ މެސެޖު ފޮނުވީ ކާކުކަން ހަނދުމަފުޅުގައި ނެތްކަމަށް ވިދާޅުވެ އެ މެސެޖު ޑރ. ޝަހީމަށް ފޮނުވި ފަރާތެއް އެބޭފުޅާ ކޮމިޝަނަށް ސާފުކޮށްދީފައި ނުވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ 28 ޖުލައި 2019 ގައި ޑރ. ޝަހީމް ކޮމިޝަނަށް ލިޔުމުން ފޮނުވާފައިވާ މައުލޫމާތުގައި 1 އޮކްޓޫބަރު 2012 ވަނަ ދުވަހު ޑރ. އަފްރާޝީމް، ޑރ. ޝަހީމްއާއި ބައްދަލުކުރައްވަން އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެއްވެސް ވަރަކަށް ޑރ. ޝަހީމް އެދިވަޑައިގެން ނޫންކަމަށް ވިދާޅުވި ނަމަވެސް، ދެފަރާތުގެ ދެމެދުގައި އެދުވަހު އެސްއެމްއެސްއިން ބަދަލުކުރެވިފައިވާ މެސެޖުތަކަށް ބަލާއިރު އެދުވަހު މެންދުރު އެކެއް ޖަހާއިރަށް އިސްލާމިކް މިނިސްޓްރީއަށް ޑރ. އަފްރާޝީމް ވަޑައިގަތުމަށް ދެންނެވީ މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުކަން އެނގެން އޮންނަ ކަމަށެވެ.

އަދި އޮކްޓޫބަރު އެއްވަނަ ދުވަހުގެރޭ ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމަށް އެރުމަށް ސީދާ އެދިލެއްވީ އޭނާއަށް އެ ޕްރޮގްރާމަށް އެރޭނެކަމުގެ ޔަގީންކަން ކޮން ފަރާތަކުން ދީގެން ކަމެއް އެއްގޮތަކަށް ވެސް ނޭނގޭކަމަށް ޑރ. ޝަހީމް ވިދާޅުވި ނަމަވެސް ޑރ. އަފްރާޝީމް ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމަށް އެރުމުގެ ވާހަކަ އޭގެ ކުރިންވެސް އެ ދެބޭފުޅުންގެ ދެމެދުގައި ދެކެވިފައިވާ ކަމާއި އެ ރޭގެ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުކަން ވެސް އެނގޭ ކަމަށެވެ.

އެ ޕްރޮގްރާމަށް އަރަން ޑރ. އަފްރާޝީމް ބޭނުންވެވަޑައިގަތީ ކީއްވެގެންކަން ނޭނގޭކަމަށް ޑރ. ޝަހީމް ވިދާޅުވި ނަމަވެސް އެއީ ކުރިން ޑރ. އަފްރާޝީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މައާފަށް އެދުމަށް ނުވަތަ ތައުބާވެ އެކަން އާންމުކޮށް އިއުލާނުކުރުމަށްކަން ޑރ. ޝަހީމަށް އެނގިވަޑައިގެންފައި ވާކަމާއި، އަދި އެރޭގެ ޕްރޮގްރާމަށް އެރޭ ގޮތަށް ހަމަނުޖެހިއްޖެނަމަ، އެ ބޭނުމަށް އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވައިދެއްވަން ޑރ. ޝަހީމް ހުށަހަޅުއްވާފައިވާކަންވެސް ދެފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާ މެސެޖުތަކުން ސާފުވާކަމަށް ރިޕޯޓުގައިވެއެވެ.

"ވީމާ އެ ޕްރޮގްރާމަށް އެރޭ އެރޭނެކަމުގެ ޔަގީންކަމެއް ދެވޭނެ ފަރާތެއް ނުހުންނާނެ ކަމަށާއި އެރެއަށް ސީދާ އެ ޕްރޮގްރާމަށް ޑރ. އަފްރާޝީމް އަރަން ބޭނުންވީ ކީއްވެގެންކަމެއް ނޭނގޭ ކަމަށް ވިދާޅުވެ ޑރ. ޝަހީމް ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫންކަން އެނގެއެވެ،" ކޮމިޝަނުގެ ރިޕޯޓުގައިވެއެވެ.