21 Nov 2019, 20:43
ޑައިވިން ކުރުމުގެ ތެރޭގައި ޑީކޯ ވެގެން ފަރުވާ ދެމުން އަންނަ ދެ ދިވެހިން ބަނޑޮހުގައި ހުންނަ އޮކްސިޖަން ޗެމްބަރުގައި ފަރުވާދިނުމަށްފަހު އައިޖީއެމްއެޗްއަށް ބަދަލުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ހިނގި ހާދިސާގައި ޑީކޯވެގެން ފަރުވާ ދެމުން އަންނަނީ އުމުރުން 27 އަހަރާއި 39 އަހަރުގެ ދެ ދިވެހިންނެވެ. އެ ދެމީހުންނަށް އެންމެ ފުރަތަމަ ދަރުވާ ދިނީ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައެވެ. ނަމަވެސް އޭގެ އަނެއްދުވަހު ވަނީ ބަނޑޮހަށް ދެމީހުންވެސް ގެންގޮސްފައެވެ.
ޑީކޯވި ދެ މީހުން ނިސްބަތްވަނީ ގދ. ގައްދޫ އަދި އައްޑޫ ސިޓީއަށެވެ.
އޭގެ ތެރެއިއިން ގައްދޫ މީހާގެ އާއިލާ މީހަކު "ސަން" އަށް މިރޭ ބުނީ ޑިކޯވި މީހާގެ ހާލު މިހާރު ރަނގަޅުކަމަށާއި އަދި މިހާރު އަތްފައި ހަރަކާތްތެރިކުރަމުން އަންނަ ކަމަށެވެ. އަދި އޭނާއަށް ފިޒިއޮތޮރަޕީ ދެމުންދާކަމަށްވެސް އާއިލާގެ މީހާ ބުންޏެވެ.
އައިޖީއެމްއެޗްފައި ފަރުވާ ދެމުންދާ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހާވެސް ރަނގަޅުކަމަށް ކުރިން ވާހަކަދެއްކި ގައްދޫ މީހާގެ އާއިލާގެ މެމްބަރު ބުންޏެވެ.
" އައްޑޫ މީހާއަށް މިހާރު ހިނގޭ. އޭނާއަށްވެސް ފިޒިއޮތޮރަޕީ ދެމުންދަނީ." ކުރިން ވާހަކަދެއްކި ގައްދޫ މީހާގެ އާއިލާގެ މެމްބަރު ބުންޏެވެ.
ވައިފުޅި އަޅައިގެން ޑައިވްކުރަން އުޅުމުގެ ތެރޭގައި ރައްކާތެރިކަން ކުޑަވުމުގެ ސަބަބުން ޑީކޯގެ މައްސަލަ ދިމާވުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އަދި އެކަމުގެ ސަބަބުން ބައެއް ޑައިވަރުން ނުރައްކާތެރި ހާލަތަކަށް ގޮސް ބައެއް ގުނަވަންތަކާއި ހަށިގަނޑުގެ ބޮޑު ބައެއް ވާގި ނެތުމުގެ މައްސަލަ ދިމާވެއެވެ.