21 Nov 2019, 23:06
ރިޕޯޓްކާޑްއާއި ދަރިވަރުންގެ އެހެނިހެން މައުލޫމާތު ލިބޭ މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) އަށް ބެލެނިވެރިންނަށްވެސް ވަދެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަދައިފިއެވެ.
ތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތު އިންޓަނެޓް މެދުވެރިކޮށް އެއްކޮށް، ބެލެހެއްޓުމަށް މީމިސްގެ ނަމުގައި ހާއްސަ ސިސްޓަމެއް އެޑިއުކޭޝަން މިނިސްޓްރީން ގާއިމުކޮށް، އިފްތިތާހުކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
ނަމަވެސް މީގެ ކުރިން އެ ސިސްޓަމް އެކްސެސްވެވެނީ ހަމައެކަނި ޓީޗަރުންނަށް އެކަންޏެވެ. އެޑިއުކޭޝަން މިނިސްޓްރީން އެ ސިސްޓަމްގައި ދިމާވި މައްސަލަތައް ޓީޗަރުންގެ ފަރާތުން ލިބުނު ފާޑުކިޔުންތަކާއެކު ރިވިއުކޮށް މިހާރު އިތުރަށް ފައްކާކޮށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓާ މޫސާ އާދަމް "ސަން"އަށް މިރޭ ވިދާޅުވީ މީގެ ދެ އަހަރު ކުރިއްސުރެވެސް ރިޕޯޓުކާޑު ޖެނެރޭޓްކުރަމުން ދިޔައީ މީމިސް ސިސްޓަމްގެ ތެރެއިން ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ ރިޕޯޓުކާޑު ޕްރިންޓްކުރުމަށްފަހު ބެލެނިވެރިންނަށް ދެމުން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
"ނަމަވެސް އަޅުގަނޑުމުން މިފަހަރު ފުރަތަމަ ފަހަަރަށް މިދިނީ ލިމިޓެޑް ޕްރިންޓެޑް ރިޕޯޓުކާޑުތަކެއް. އޭގައި ހުންނާނީ ތިން ސަފްހާގެ މައުލޫމާތު ދެން ތަފްސީލް ބަލަން ޖެހޭނީ ލޮގިން ވެގެން" މޫސާ ވިދާޅުވިއެވެ.
އެ ސިސްޓަމަށް އަހުލުވެރިކުރަން ބެލެނިވެރިންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައްވެސް ހިންގާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
މިއަދު ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންނަށް ރިޕޯޓ ުފޯމު ވަނީ ހަވާލުވެސްކޮށްފައެވެ.
މީމިސްއިން ބެލެނިވެރިންނަށް ބެލޭ އެހެނިހެން މައުލޫމާތުތަކުގެ ތެރޭގައި ހާޒިރީއާއި ދަރިވަރުންގެ ޖެނެރަލް އަދި އެކެޑަމިކް މައުލޫމާތާއި އިތުރު ހަރަކާތްތަކާއި އިސްކޮޅާއި ބަރުދަން ފަދަ މައުލޫމާތުތައް ހިމެނެއެވެ