އަންނަ މަހުގެ ދެ ވަނަ ދުވަހު އިންޑިއާގެ ދިއްލީގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސީޝެލްސްގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު، ރޭ ކުޅުނު މެޗް 3-0 ލަނޑުން ރާއްޖެ ކާމިޔާބު ކޮށްފި އެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު ރާއްޖެ ކާމިޔާބު ކުރީ މެޗްގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އެވެ. މެޗްގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން ރާއްޖެއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-0 ލަނޑަށް ބަދަލުކޮށްލައި ލީޑް ފުޅާކޮށްފައެވެ. އެ ލަނޑުވެސް ރާއްޖެ އަށް ކާމިޔާބު ކޮށްދިނީ ޓޮމް އެވެ.

މެޗްގައި ރާއްޖެއިން ޖެހި ތިން ވަނަ ލަނޑު ފެނިގެން ދިޔައީ ދެ ވަނަ ހާފުގައި ކެޕްޓަން އަލީ އަޝްފާގް(ދަނގަޑޭ) ގެ ފަރާތުންނެވެ.

ސީޝެލްސްގެ ޤައުމީ ޓީމާދެކޮޅަށް ރާއްޖެ ކުޅޭ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ ރޭ 9:00 ޖަހާއިރު ގަލޮޅު ދަނޑުގައެވެ.

ރޭގެ މެޗް ދިވެހި ޓީމުން ކާމިޔާބު ކުރިއިރު، ހުސްވި އޮގަސްޓް މަހު ބޭއްވި އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ވަނީ ސީޝެލްސްއަތުން 5-1 ލަނޑުން ބަލިވެވަ އެވެ.