23 Nov 2011, 11:48
ސަރުކާރުގެ ބޮޑު ހިއްސާ އޮންނަ އެސްޓީއޯ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލާގައި އެސްޓިއޯގެ ކުރީގެ ޗެއާމަން އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ޖަވާބުދާރީ ކުރުވި ޖަލްސާގެ ޔައުމިއްޔާ ހޯދުމަށް ރައީސް އޮފީހުން އެދިއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު ޔާމިން ހިންގެވި ކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލާގައި ޔާމިން ހާޒިރު ކުރި ކޮމެޓީގެ ޔައުމިއްޔާ ހޯދުމަށް ރައީސް އޮފީހުން މަޖިލީހުގައި އެދުނީ ރިޔާސީ ކޮމިޝަންގެ ތަހުގީގަށެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ޔާމިން ހާޒިރު ކުރި ކޮމެޓިގެ ޔަމިއްޔާ ހޯދުމަށް މިމަހުގެ 17 ވަނަ ދުވަހު މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ 800 މިލިއަން ޑޮލަރުގެ މައްސަލާގައި ޔާމިން ދެއްކެވި ވާހަކަތަކަކީ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ އެ މައްސަލައަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތަކެއް ކަމަށެވެ. އަދި އެފަދަ މައުލޫމާތުތައް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ(އަށާއި ފުލުހުން އޮފީހަށާއި ޕްރެސެކިއުޓާ ޖެނަރަލް )ޕީޖީ( އޮފީހަށް ރިޔާސީ ކޮމިޝަނުން ހުށަހަޅާނެ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"މަޖިލީހުން ކުރި ތަހުގީގަކީ ވެސް ރިޔާސީ ކޮމިޝަނުން ރިޔާއަތް ކުރަން ޖެހޭނެ ކަންތަތަކެއް ކަމަށް އަޅުގަނޑުމެން މިބަލަނީ. މަޖިލީހުން ވެސް ހޯދޭ ތަހުގީގު ހަގީގަތްތައް އަޅުގަނޑުމެން މި ހުށަހަޅަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ފުލުހުންގެ އިދާރާއަށާއި ޕީޖީއަށް ހުށަހަޅާނަން،" ޒުހައިރު ވިދާޅުވި އެވެ.
ޔާމިން ކޮމެޓީ އަށް ހާޒިރު ކުރި ޖަލްސާގެ ޔައުމިއްޔާ ހޯދުމަށް ރައީސް އޮފީހުން އެދުމުން އެމްޑީޕީ މެޖޯރިޓީ އޮންނަ ގައުމީ ސަލާމަތުގެ ކޮމެޓީން ވަނީ އެ ޔައުމިއްޔާ ރައީސް އޮފީހަށް ހުށަހެޅުމަށް ނިންމާފަ އެވެ. ރައީސް އޮފީހަށް ޔައުމިއްޔާ ހުށަހެޅުމަށް ނިންމީ މިދިޔަ ހޯމަ ދުވަހު ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީއަށް ހާޒިރުވި ހަ މެންބަރުންގެ އިއްތިފާގުންނެވެ.
އެސްޓިއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރި ހިންގި ކަމަށް ތުހުމަތު ކުރާ ސިންގަޕޫރުގެ މޯކަމް ޓްރޭޑިން ކުންފުނިން އެފަދަ ކަމެއްކޮށްފައިވޭތޯ ބެލުމަށް ރިޔާސީ ކޮމިޝަނުން ވަނީ ވޯލްޑް ބޭންކްގެ ބޭފުޅެއް ސިންގަޕޫރަށް ފޮނުވައިގެން ތަހުގީގުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.