ހެންވޭރު ގެޔެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "ސަން" އަށް މިއަދު ވިދާޅުވީ ވެއްޓުނު ކުއްޖާގެ ހާލަތު މިހާރު ހަމައަކަށް އެޅިފައިވާ ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އޭޑީކޭއިން ނުދެ އެވެ.

ވެއްޓިގެން ފަރުވާ ދެމުންދަނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ފަސް އަހަރުގެ އެ ކުޑަކުއްޖާ ވެއްޓިފައި ވަނީ ހެންވޭރު ވައިޖެހޭމަގުގައި ހުންނަ ގެއަކުންނެވެ.

ފުލުހުން ބުނީ އެ ކުޑަކުއްޖާ ވެެއްޓުނު ގޮތް މިހާރު ބަލަމުންދާ ކަަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރުު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އިމާރާތްތަކުން މީހުން ވެއްޓުމުގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު ވެސް ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާއިން މީހަކު ވަނީ ވެއްޓިފަ އެވެ. އޭގެ އިތުރުން ދާދި ފަހުން މީހަކު ގެއެއްގެ ވައިގޮޅިތެރެއަށް ވެއްޓި މަރުވެފައި އޮއްވައި ވެސް ވަނީ ފެނިފަ އެވެ.