21 Nov 2019, 12:33
އިންޑިއާގެ ހިލޭ އެހީގައި ޑިފެންސް މިނިސްޓްރީގެ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ދީފައިވާ ހިލޭ އެހީގެ ފައިސާ އިން ޑިފެންސް މިނިސްޓްރީގެ އާ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ދިވެހި އަދި އިންޑިއާގެ ކުންފުނިތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ޑިފެންސް މިނިސްޓްރީގެ އިމާރާތުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން ރިފަންޑަބްލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.
ބިޑް ސެކިޔުރިޓީގެ ގޮތުގައި 355،000 ރުފިޔާ ނުވަތަ އެއާ އެއް އަދަދަކަށް ޑޮލަރު ދައްކަންޖެހޭއިރު ބިޑް ހުޅުވުން އޮންނާނީ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.
ފިނޭންސް އިން ކުރި އިއުލާނާއެކު އިމާރާތުގެ ޑިޒައިން އާއި ބެހޭ މައުލޫމާތުވެސް ވަނީ އާންމުކޮށްފައެވެ. ޑިފެންސްގެ އާ އިމާރާތް އިމާރާތް ކުރަން ނިންމާފައިވަނީ އެގާރަ ފަންގިފިލާ އަށެވެ. ޑިފެންސްގެ އާ އިމާރާތަށް އިންޑިއާ ސަރުކާރުން 80 މިލިއަން ރުފިޔާ ވަނީ ދީފައެވެ.
މި އިމާރާތް އަޅަން ނިންމާފައިވަނީ މިހާރު ކޯސްޓްގާޑު ބިލްޑިން ހުރި ސަރަހައްދުގައެވެ. ކޯސްޓްގާޑު ބިލްޑިން ތަޅައިދޭނެ ބަޔަކު ހޯދަން މީގެ ކުރިން ވަނީ އިއުލާނު ކޮށްފައެވެ.