21 Nov 2019, 12:36
ހައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ފަސް ޕަސެންޓު ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ހާއްސަކުރަން ނިންމައިފި އެވެ.
ހައްޖު ކޯޕަރޭޝަނުގެ ހިދުމަތްތަކާ ބެހޭ އުސޫލަށް ގެނައި އިސްލާހާއެކު ގެނައި މި ބަދަލުގެ ދަށުން ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުންގެ ގޮތުގައި ބަލާނީ ފުރާނަ އަށް ނުރައްކާވާފަދަ ބަލިތައް ތަހައްމަލްކުރަމުންދާ ފަރާތްތައް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
މިފަދަ ފަރާތްތަކުން ހައްޖަށް ދިޔުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮންމެ އަހަރެއްގެވެސް ހައްޖު މޫސުމާ ދިމާކޮށް ހުޅުވާލާނެ އެވެ. މި ފުރުސަތު ހުޅުވާލުމުން ސިއްހީ ހާލަތު އަންގައިދޭ ލިއުމާއިއެކު ކޯޓާގެ ފުރުސަތަށް އެދެވޭނެ އެވެ.
ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް ހާއްސަ ކޯޓާގެ ފުރުސަތު ހުޅުވާލުމުން އެފަރާތަކީ މިފަދަ ބައްޔެއް ތަހައްމަލްކުރާ ފަރާތެއްކަން ބަޔާންކޮށްފައިވާ ޑޮކްޓަރުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށާއި މިގޮތަށް ހުޅުވާލުމުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހައްޖު ޖާގަ ލިސްޓަށް އަރާ ތަރުތީބުން ޖާގަ ދޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ޖާގަ ދިނުމުގައި އެ ފަރާތެއްގެ ބަލި ހާލަތަށް ރިއާޔަތްކޮށް ގިނަވެގެން ދެ އެހީތެރިއަކަށް ޖާގަދިނުމުގެ އިހުތިޔާރު ހައްޖު ކޯޕަރޭޝަނަށް ލިބިގެންވާކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖަށް ގެންދިއުމަށް ތަރުތީބުކުރެވޭ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޖާގަ ލިބިފައިވާ އަހަރާއި ވަނަ ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓުގައި އާންމުކުރާނެ އެވެ.
ހައްޖު ކޯޕަރޭޝަނުގެއުސޫލަށްގެނައި އަނެއް ބަދަލަކީ އެ ކޯޕަރޭޝަނުގެ މެންބަރަކަށ ވުމުގެ ފުރުސަތު ވަކި ޝަރުތުތަކެއް ހަމަވާ ކުންފުނިތަކަށް ދިނުމެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގެތެރެއިން ރަޖިސްޓްރީކުރިފަހުން އެއް އަހަރު ހަމަވެފައިވާ، ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ އަދަދު 10 އަށްވުރެ މަދުނޫން ކުންފުނިތަކަށް އެ ކޯޕަރޭޝަނުގެ މެންބަރަކަށް ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.