މިއަހަރަށް ދިރާސީ އާ އަހަރުގެ ކިޔެވުން ނިމި ހުރިހާ ސުކޫލެއްގެ ދަރިވަރުން ވެސް ދޮޅު މަހުގެ ބޮޑު ޗުއްޓީއަކަށް ގޮސްފި އެވެ.

މިއަދު ހެނދުނުން ފެށިގެން ރިޕޯޓް ފޮތްތައް ދަރިވަރުންނާއި ބެލެނިވެރިންނާ ހަވާލުކުރުމުގެ ހަރަކާތްތައް ސުކޫލްތަކުގައި ކުރިއަށްދެ އެވެ. އަދި އަންނަ އަހަރު ކިޔެވުމަށް ބޭނުންވާނެ ޓެކްސްޓް ފޮތްތަކާއި ސްޓޭޝަނަރީ ވައުޗަރުތައް ސްކޫލްތަކުން އަންނަނީ ކުދިންނާ ހަވާލު ކުރަމުން އެވެ.

ޗުއްޓީއަށް ފަހު ދެން ކިޔެވުން ފަށާނީ ޖެނުއަރީ 12 ވަނަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު ހުރިހާ ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ފޮނުވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަރަބިއްޔާ ސްކޫލްގެ އަރަބި ޓެކްސް ފޮތްތައް ހަވާލުނުކުރެވޭކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން ސްކޫލްތަކުގެ ދަރިވަރުން އާ އަހަރުގެ ކިޔަވަން ފަށާއިރު ވެސް ޓެކްސް ފޮތްތައް ނުލިބުމުގެ މައްސަލަތައް ވަރަށް ބޮޑަށް ދިމާވެ އެވެ.