21 Nov 2019, 09:55
ނޭޕީޑޯ (ނޮވެމްބަރު 21): މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލްއާންމެއް ހިންގި ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލާގައި އެ ގައުމު ދިފާއު ކުރުމަށްދާ ޓީމުގައި އިސްކޮށް ހުންނަވާނީ ސްޓޭޓް ކައުންސެލާ އަންގް ސަން ސޫޗީ ކަމަށް މިޔަންމާގެ ސަރުކާރުން ބުނެފި އެވެ.
މިދިޔަ ހަފްތާގައި އައިސީޖޭއަށް މިޔަންމާގެ މައްސަލަ ހުށަހެޅީ ގެމްބިއާއިންނެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ތާއިދާ އެކު ހުށަހެޅި އެމައްސަލާގައިވާ ގޮތުން މިޔަންމާއިން ވަނީ ރޮހިންގާ މީހުން ދިރިއުޅޭ ރާހިން ސްޓޭޓުގައި ގިނަ އަދަދެއްގެ މީހުން މަރާ، ރޭޕްކޮށް، ބޮޑެތި ގެއްލުންތައް ދީފަ އެވެ.
އައިސީޖޭ އިން ބުނި ގޮތުގައި އެމައްސަލައިގެ ފުރަތަމަ އަޑުއެހުންތައް ބާއްވާނީ އަންނަ މަހުގެ 10އިން 12އަށެވެ. އަދި މިޔަންމާއިން ވަނީ އެގައުމު ދިފާއު ކުރުމަށް ބައިނަލްއަގުވާމީ ވަކީލުންގެ ޓީމެއް އެކުލަވާލާފައިވާ ކަމަށާއި އެޓީމުގައި އިސްކޮށް ހުންނަވާނީ ސޫޗީ ކަން އިއުލާންކޮށްފަ އެވެ.
ގެމްބިއާއިން އެމައްސަލަ ހުށަހަޅާފައި ވަނީ މިޔަންމާއިން ވެސް ސޮއި ކޮށްފައިވާ، އދ.ގެ ޖެނޮސައިޑް ކޮންވެންޝަންއާ އެގައުމުން ހިލާފުވިކަމަށް ބުނެ އެވެ. އެ މުއާހަދާގައި ސޮއިކުރި ގައުމުތަކުން ވަނީ ގަތުލުއާންމުތައް ހުއްޓުވުމަށާއި ގަތުލުއާންމު ހިންގާ ފަރާތްތަކަށް އަދަބު ދޭނެކަމަށް އެއްބަސްވެފަ އެވެ. އަދި ގެމްބިއާއިން ވަނީ މިޔަންމާއިން ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލުއާންމާއި އެހެނިހެން ޖަރީމާތައް ހިންގުން ހުއްޓުވުމަށް އައިސީޖޭއިން އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.
އަމިއްލަ ބަހަކާއި ސަގާފަތެއް އޮންނަ ރޮހިންގާ ދަރިކޮޅުގެ މީހުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް އެ ގައުމުގެ އާބާދީގެ ބޮޑުބައެއް ކަމަށްވާ ބުޑިސްޓުން ދެކޭ ގޮތުގައި ރޮހިންގާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރާ ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދޭން ދެކޮޅު ހަދާފައެވެ.
ދެހާސް ސަތާރަވަނަ އަހަރުގެ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން ރާހިން ސްޓޭޓުގައި އަނިޔާވެރި އޮޕަރޭޝަނެއް ފެށީ، އަރާކަން ރޮހިންގާ ސެލްވޭޝަން އާމީ ކިޔާ ހަނގުރާމަވެރި ޖަމާއަތަކުން މިޔަންމާގެ ފުލުހުންތަކެއް މަރާލުމާ ގުޅިގެންނެވެ. އެ ހަމަލާތަކަށް ފަހު، ހަނގުރާމަވެރިން އަތުލައިގަތުމަށް ކަމަށް ބުނެ މިޔަންމާއިން ފެށި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާލައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކުރިކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ.
އޭގެ ސަބަބަބުން ގާތްގަނޑަކަށް 750،000 ރޮހިންގާއިންނަށް މިޔަންމާ ދޫކޮށް ދާން މަޖުބޫރުވި އެވެ.
ބަންގުލަދޭޝްގައި ތިބި ރޮހިންގާ ރެފިއުޖީން އެ ގައުމުން މިޔަންމާއަށް ގެންދަން އެ ދެ ގައުމުން މިދިޔަ އަހަރާއި މިއަހަރު ވެސް މަސައްކަތްކުރި ނަމަވެސް، ރޮހިންގާއިން ވަނީ އެނބުރި ގައުމަށް ދިޔުމުން ވާނެ ގޮތެއް ނޭނގޭތީ، އަނބުރާ ދާން ދެކޮޅު ހަދާފަ އެވެ.