21 Nov 2019, 09:58
ބާލިން (ނޮވެމްބަރު 21) : އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ހިންގާ ޣައިރު ގާނޫނީ އަމަލުތަކަށް އެމެރިކާ ތާއީދުކުރުމުން އޭގެރައްދުގައި ޔޫރަޕްގެ ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވުމަށް ލަކްސަންބާގް އިން ގޮވާލައިފި އެވެ.
ޖަރުނަމުގެ ބާލިންގައި ދެއްވި ބަޔާނެއްގައި ލަކްސަންބާގްގެ ޚާރިޖީ ވަޒީރު ޖީން އެސެލްބޯން ވިދާޅުވީ ހުޅަނގު އައްސޭރީގެ ބިންތަކަކީ 1976 ވަނަ އަހަރު ހިނގި އަރަބި އިސްރާއީލުގެ ހަނގުރާމައިގާ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކެއްކަމަށާ އެބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ހިންގާ އަމަލުތަކަކީ އެމެރިކާއަށްވެސް އަދި އެހެން ފަރާތަކަށްވެސް ހުއްދަ ކުރެވޭނެކަމެއް ނޫންކަމުގައެވެ. މިމައްސަލާގައި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމުން ބައިނަލްއަގްވާމީ ގާނޫނާ ޚިލާފުކަމެއް، ޚިލާފު ނޫންކަމެއްގެ ގޮތުގައި އެމެރިކާ ނިންމިނަމަވެސް އެކަން ބަދަލުނުކުރެވޭނެ ކަމަށާ އެމެރިކާއަށް އެކަނި ބައިނަލްއަގްވާމީ ގާނޫނޫ ބަދަލުނުކުރެވޭނެކަމަށް އެސެލްބޯން ވިދާޅުވިއެވެ.
އެސެލްބޯން ވަނީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ޤުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި މިދިޔައަހަރު އެމެރިކާ ގަބޫލުކޮށް އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރި މައްސަލައަށްވެސް ފާޑުވިދާޅުވެފައެވެ. މިއީ ގަސްދުގައި ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް އެމެރިކާ ނިންމާ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށް ސިފަކުރައްވަމުން ޔޫރަޕުން މިކަންކަން ކުށްވެރި ކުރުމުގެ ބަދަލުގައި އެކަމަށް ރައްދު ދިނުމުގެ ގޮތުން ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވުމަށް އެސެލްބޯން ގޮވާލެއްވިއެވެ.
ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ހިންގާ ޣައިރު ގާނޫނީ އަމަލުތަކަށް ތާއީދުކުރައްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެއްކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނުދެކޭކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ މިނިންމުން ކުށްވެރިކޮށް ޔޫރަޕްގެ އިއްތިޙާދުންވަނީ ބަޔާނެއް ނެރެފައެވެ. އަދި ޔޫރަޕްގެ އެކި ގައުމުތަކުންގެ މަސްއޫލުވެރިންވަނީ އެމެރިކާއިން ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް މިފަދަ ނިންމުންތައް ނިންމަމުންދާކަން ފާހަގަކުރައްވައި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފުކަމެއް އެއީ ގާނޫނާ ޚިލާފު ކަމެއްނޫންކަމަށް އެމެރިކާ ނިންމުމަކީ ޒިންމާދާރުކަން ކުޑަކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެމެރިކާ ނިންމާ ނިންމުންތަކާއި ބަދަލުވާ އެމެރިކާގެ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގްވާމީ ގާނޫނު ބަދަލުނުޥާނެކަމަށްވެސް ޔޫރަޕްގެ މަސްއޫލުވެރިންވަނީ ވިދާޅުވެފައެވެ.
އިސްރާއީލުގެ މަސްލަހަތަށްޓަކައި ބައިނަލްއަގްވާމީ ގާނޫނުތައް މުގުރުމަށް އެމެރިކާ ނިންމާ ހަރުކަށި ނިންމުންތަކާ ގުޅިގެން ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާ އެކަހެރިވަމުންދާއިރު އދ. ގެ އެކި މަހްފަލްތަކުގައިވެސް އެމެރިކާއަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. (ނޫސްއެޖެންސީތައް)