ރިސޯޓުތަކުން ތިލަފުއްޓަށް ގެންދާ ކުނި ކަމާލުނުކުރެވި މޫދަށް އެޅި ކަނޑު ދަތުރު ކުރާ އުޅަނދުފަހަރަށް ގެއްލުންވެ ކަނޑަށް ކުނިތައް ފެތުރިދާނެ ކަމުގެ ނުރައްކާ އަނެއްކާ ވެސް ހީވެއްޖެ އެވެ.

އިއްޔެ ސަންގެ ނޫސްވެރިން ތިލަފުއްޓަށް ދިޔަ އިރު، "ރިސޯޓް ގޮނޑު" ސަރައްދުގެ ފަޅުތެރެ އަށް ގިނަ އަދަދެއްގެ ކުނިތައް ބޭރުވަމުންދާ ތަން ފެނުނެވެ. އަދި އެ ކުނިތައް ފަޅުތެރެއަށް ވަދެ ނިކުމެވާ އުނޅަދުތަކާ އެކު ފަޅުގެ އެކި ސަރަހައްދުތަކަށް ފެތުރެމުން ވެސް ދެ އެވެ.

އެތަނުގައި މަސައްކަތް ކުރާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް އިއްޔެ ބުނީ "ރިސޯޓު ގޮނޑު" ސަރަހައްދަށް ދޯނިފަހަރަށް، ކުންޏާ ހެދި ކައިރިނުކުރެވި، ގޮނޑަށް އުކާލާ ކުނި މޫދަށް ބޭރުވަމުންދާ ކަމަށާއި އެކަން އެ ގޮތަށް ދިމާވާން މެދުވެރިވީ، ގޮނޑު ސަރަހައްދަށް އަޅާ ކުނިތައް ކަމާލުކުރުމަށް ބޭނުން ކުރާ ދެ ހައިމާކުގެ ތެރެއިން އެއް ހައިމާކު ހަލާކުވެގެންނާއި އަދި އަނެއް ހައިމާކަށް ޑީސަލް އެޅުމަށް ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެގެން ކަމަށެވެ.

"މިތަނުގެ ގެންގުޅޭ ދެ ހައިމާކުން ކުރެ އެކަތި ހަލާކުވެފައި އޮންނާތާ ދެ އަހަރުވެދާނެ. އަނެއް ހައިމާކަށް ޑީސަލް ނޭޅި އޮޕަރޭޓް ނުކުރާތީ ހުރިހާ ކުނިތަކެއް މިއެޅެނީ މޫދަށް،" އޭނާ ބުންޏެވެ. "ކުނި ނައްތާލުމުގެ ކަމަކީ ވޭސްޓް މެނޭޖްމަންޓުގެ ކަމެއް. އެމީހުންނާއި ޓީއެލްސީއާ އޮންނަ ޒާތީ ކަންތައް ގަނޑެއްގައި ކޯޅުނީމަ އާއްމުންނަށް ހުރިހާ ގެއްލުމެއް ވަނީ،" އޭނާ ބުންޏެވެ.

ނަމަވެސް ތިލަފުށި ކޯޕަރޭޝަނާ މާލޭ ސިޓީ ކައުންސިލާ ދެމެދު އެއްވެސް މައްސަލައެއް އުޅޭކަމަށް ދެކެވޭ ވާހަކަ ސިޓީ ކައުންސިލުން ދޮގުކުރެ އެވެ.

ސިޓީ ކައުންސިލްގެ މެމްބަރު ރުކުމާ އަހުމަދު އިއްޔެ ވިދާޅުވީ ތިލަފުށީ ކޯޕަރޭޝަނާއި ވޭސްޓް މެނޭޖްމަންޓާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ކުނި ނައްތާލުމުގެ މަސައްކަތް މެދުކެނޑިފައި އޮތީ ޑީސަލް ނެތިގެން ނޫން ކަމަށާއި އެގްރީމަންޓުގެ ކަންތައްތަކެއް ނިންމަން ޖެހޭތީ އާއި ހައިމާކަށް ދިމާވި މައްސަލައެއް ހައްލު ނުކުރެވިގެން ކަމަށެވެ. އަދި އިއްޔެ ހަވީރުން ފެށިގެން މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
"މަސައްކަތް ހުއްޓިފައި އޮތީ އޭގެ އެގްރީމަންޓާއި އެކަންތައް ސޯޓް އައުޓް ކޮށްލަން ޖެހޭތީ. ހަމައެކަނި އެގްރީމަންޓެއް ވެސް ނޫން. ހައިމާކަށް ދިމާވި މައްސަލައެއް ވެސް ހައްލުކުރަން ޖެހޭތީއާ އެކީ،" އަހުމަދު ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ ކުރީ ކޮޅުގައި ވެސް ތިލަފުށީ އެތެރެފަޅުގައި ގިނަ އަދަދަކަށް ކުނި ޖަމާވެ އެ ކުނިތައް ކަނޑުގެ ސަރަހައްދަށް ވަނީ ފެތުރިފައިވެ އެވެ. އެފަހަރު ތިލަފުށީ ކޯޕަރޭޝަނުން ބުނީ މޫދަށް ކުނިއެޅެން ދިމާވީ ކުނި އުކާލަންދާ އުޅަނދުތަކުން މޫދަށް ކުނިއެޅޭ ގޮތަށް ކުނި ޑިސްޗާޖް ކުރަމުންދިއުމުން ކަމަށެވެ.