ސްރީލަންކާގެ ސަރުކާރުގެ އެންމެ އިސް ދެ މަގާމުގައި މިހާރު ތިއްބެވީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. އެއް އާއިލާއަކަށް ނިސްބަތްވާ މީހުންނަށް ސަރުކާރުގެ އިސް މަގާމުތައް ދިނުމަކީ އާންމު ގޮތެއްގައި ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާނެ ކަމަކަށްވީ ނަމަވެސް، މިއީ ލަންކާގައި އަލަށް ހިނގާ ކަމެއް ނޫނެވެ. ރާޖަޕަކްސަ ދެބެއިން ވެރިކަމަށް އައުމުގެ ކުރީގައި އެގައުމުގައި މަޔަކާއި ދަރިއަކުވެސް ގުޅިގެން ސަރުކާރު ހިންގާފައިވެ އެވެ.

ރާޖަޕަކްސަ އާއިލާއެކޭ އެއްފަދައިން ލަންކާގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ އެހެން އާއިލާއަކީ ބަންޑާރަނަޔަކަ އާއިލާއެވެ. ބަންޑާރަނަޔަކައިގެ ނަން އެގައުމުގެ ތާރީހުގައި ފަވާލެވުނީ 1956 ގައި ސޮލޮމަން ވެސްޓް ރިޖްވޭ ޑަޔަސް ބަންޑާރަނަޔަކަ ބޮޑުވަޒީރުކަމަށް އިސްވެވަޑައިގަތުމުންނެވެ. ނަމަވެސް އޭރުވެސް ލަންކާގައި އޮތް ނަސްލީ ދެބަސްވުންތައް ހުއްޓުވުމަށް ތަމަޅަ ލީޑަރަކާއެކު ސޮލޮމޮން ހެއްދެވި އެއްބަސްވުމަކާ ހިތްހަމަނުޖެހި، ބުދުދީނުގެ ހާމުދުރަކު 1959 ގައި އޭނާ އަވަހާރަކޮށްލިއެވެ.

ސިޔާސީ މައިދާނުގައި ބަންޑާރަނަޔައިގެ ނަން ހިފެހެއްޓެވީ އޭނާގެ ހުވަފަތް އަނބިކަނބަލުން ސިރިމަވޯއެވެ. އެއީ ސޮލޮމޮންގެ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ލީޑަރަށް ވެވަޑައިގެން، 1960 ގެ އާންމު އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. އެއާއެކު ސިރިމަވޯ ބަންޑާރަނަޔަކަ ވެވަޑައިގަތީ ސްރީލަންކާގެ އިތުރުން މުޅި ދުނިޔޭގައިވެސް ވާރުތަވުމެއް ނެތް ވެރިކަމުގެ ނިޒާމެއްގައި ސަރުކާރުގެ އިސްވެރިޔާ (ހެޑް އޮފް ގަވަމަންޓް)އަށް ވެވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

އަވަހާރަވި ފިރިކަލުންގެ ސިޔާސަތުތަކުގައި ހިއްޕަވައިގެން ސިރިމަވޯ ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވިއެވެ. ފުރަތަމަ ފަހަރު 1960-1965 އަށް، ދެވަނައަށް 1970-1977 އަށް އަދި ތިންވަނައަށް 1994-2000 އަށް ބޮޑުވަޒީރުކަން ކުރެއްވިއެވެ. ސްރީލަންކާ ޖުމްހޫރިއްޔާއަކަށް ބަދަލުކުރައްވައި، 1972 ގައި ރިޔާސީ އިންތިހާބެއް އެގައުމުގައި ފުރަތަމަ ފަހަރަށް ބޭއްވީ ސިރިމަވޯގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައެވެ.

ސިރިމަވޯ ބޮޑުވަޒީރުކަމަށް ތިންވަނަ ފަހަރަށް ވަޑައިގަތީ 1994 ގައި، އޭނާގެ ދަރިކަނބަލުން އަދި އޭރުގެ ބޮޑުވަޒީރު (ސްރީލަންކާގެ ދެވަނަ އަންހެން ބޮޑުވަޒީރު) ޗަންދްރިކާ ބަންޑާރަނަޔަކަ ކުމަރަތުންގަ އެގައުމުގެ ފަސްވަނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުންނެވެ.

މަހިންދަ ރާޖަޕަކްސަ ފުރަަތަމަ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ޗަންދުރިކާ ކުމާރަތުންގަގެ ރައީސްކަމުގައި -- ފޮޓޯ: އޭޕީ

ޗަންދްރިކާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި ބޮޑުވަޒީރުކަން ކުރެއްވި ސިރިމަވޯގެ ސިއްހީ ހާލަތު ހުރި ގޮތުން ދެވަނަ ދައުރެއް ފެށުމުގެ ކުރިން އިސްތިއުފާދެއްވިއެވެ. ބައެއް ރިޕޯޓުތަކުގައި ބުނާ ގޮތުން ސިރިމަވޯއާއި ޗަންދްރިކާގެ ސިޔާސަތުތައް އެއްގޮތްވި ނަމަވެސް ދެމައިންގެ މެދުގައި ސަރުކާރު ހިންގުމަ ބެހޭގޮތުން ދެބަސްވުންތައް ގިނައެވެ. ޗަންދްރިކާ ބޭނުންފުޅުވީ އޭރު އުމުރުފުޅުން 84 އަހަރުގެ އޭނާގެ މަންމާފުޅަށްވުރެ ޒުވާން ބޮޑުވަޒީރެއް އައްޔަނުކުރުމަށެވެ. ކަން ދިމާކުރި ގޮތުން ޖެހިގެން އައި އާންމު އިންތިހާބު އިދިކޮޅު ޔޫއެންޕީން ކާމިޔާބުކުރިއެވެ--ބޮޑުވަޒީރަކަށް ވީ ރަނިލް ވިކްރަމަސިންހައެވެ.

ރަނިލް ހަތަރު އަހަރު ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު ސަރުކާރު ފުރޮޅި، އެ މަގާމަށް ވަޑައިގަތީ މަހިންދަ ރާޖަޕަކްސައެވެ. މިހެން ގޮސް 2005 ގައި އޮތް ރިޔާސީ އިންތިހާބުގައި ރަނިލް ވިކްރަމަސިންހައާ ވާދަކުރައްވައި ރައީސްކަމަށް އިސްވެވަޑައިގަތީވެސް މަހިންދައެވެ.

މަހިންދަގެ ސަރުކާރުގެ އުސް އައްޔަކަށް ވީ ސްރީލަންކާގެ 26 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމެވެ. މަހިންދަ އެކަން ކާމިޔާބުކުރެއްވީ ޑިފެންސް މިނިސްޓަރުގެ ސެކްރެޓަރީކަމަށް ކުރީގެ އަސްކަރީ އޮފިސަރު އަދި ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ އައްޔަނުކުރައްވައިގެންނެވެ.

މަހިންދަ ރާޖަޕަކްސަ ރައީސްކަން ކުރެއްވި އިރު ގޯޓާބަޔަ ވަނީ ޑިފެންސް ސެކްރެޓަރީގެ މަގާމު ފުރުއްވާފަ --

ހަނގުރާމައިގެ ތެރޭގައި ދެބޭފުޅުންވެސް ގެންގުޅުއްވި ހަރުކަށިކަމަށް ގިނަ ބަޔަކު ތައުރީފުކުރި ނަމަވެސް އެކަމުގެ ވޭނާއި ތަކުލީފުވެސް ގިނަ ބަޔަކަށް ފޯރިއެވެ. ހަނގުރާމައިގައި ސަރުކާރުން ޖަރީމާތަކެއް ހިންގިކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. އެ މައްސަލަ ބެލި އދގެ ޕެނަލަކުން ވަނީ ހަނގުރާމައިގެ ތެރޭގައި އާންމު ރައްޔިތުންނަށް ސިއްހީ ފަރުވާދޭ ތަންތަނަށް އަމާޒުކޮށް ލަންކާ ސިފައިން ހަމަލާ ދިންކަން ހާމަވާކަމަށް ނިންމާފައެވެ. އަދި އާންމު ރައްޔިތުންގެ އެތައް ހައްގުތަކަކަށް އަރައިގަތްކަމަށް ތުހުމަތުކުރިއެވެ.

މީގެ އިތުރުން މަހިންދަ 2005 އިން 2015 އަށް ވެރިކަން ކުރެއްވި އިރު ނޫސްވެރިންނާއި ސަރުކާރަށް ފާޑުކިޔާ މީހުންނަށް އަނިޔާކޮށް އެމީހުން މެރުމަށް ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސަ ހާޢްސަ ގްރޫޕެއް ބޭނުންކުރެއްވިކަމަށް އަސްކަރިއްޔާގެ ކުރީގެ ކޮމާންޑަރު އަދި މިހާރުގެ މަޖިލިސް މެމްބަރު ސަރަތު ފޮންސޭކާ ވިދާޅުވެފައިވެއެވެ. އެ މުއްދަތުގައި 17 ނޫސްވެރިއަކާއި މީޑިއާގައި މަސައްކަތްކުރާ މީހުން މެރި ނަމަވެސް އެއިން އެއްވެސް މައްސަލައެއް ގޯޓާބަޔަގެ މައްޗަށް ސާބިތެއް ނުވެއެވެ.

މީގެ އިތުރުން މަހިންދަގެ މުޅި ސަރުކާރުގެ މައްޗަށް ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ރައްދުވެފައިވެއެވެ. އަދި މަހިންދަގެ ވެރިކަމުގައި އޭނާގެ އާއިލާގެ މެމްބަރުންނަށް ސަރުކާރުގެ އިސް މަގާމުތައް ދެއްވި އިރު، އެއް އިރެއްގައި ގައުމުގެ ބަޖެޓުގެ 80 ޕަސަންޓު ކޮންޓްރޯލުކުރަމުން އައީ ރާޖަޕަކްސަ އާއިލާއިން ކަމަށް އަލްޖަރީޒާއިން ރިޕޯޓުކޮށްފައިވެއެވެ.

މަހިންދަގެ ސަރުކާރުގައި މުހިންމު މަގާމުތަކުގައި ތިއްބެވި ބޭފުޅުގެ ތެރޭގައި ގޯޓާބަޔަގެ އިތުރުން އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުކަމުގައި ހުންނެވި ބެސިލް ރާޖަޕަކްސައާއި، ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޗަމަލް ރާޖަޕަކްސަ ފާހަގަކޮށްލެވެއެވެ.

ލަންކާގެ ބޭރުގެ ދަރަނި މިހާރު 34 ބިލިއަން ޑޮލަރަށް (ޖީޑީޕީގެ 5 ޕަސަންޓަށް) އަރާފައިވާ އިރު އޭގެ މައިގަނޑު ސަބަބަކީ ރާޖަޕަކްސަގެ ވެރިކަމުގައި ޗައިނާއާ އެކު ހެދި އެއްބަސްވުންތަކުގެ ސަބަބުން އައި ދަރަންޏެވެ.

ހައްގުތަކަށް އަރައިގަތުމާއި ކޮރަޕްޝަނަށް ތުހުމަތުކުރެވި، އެކަމަށް ސާފުކޮށް ޖަވާބުދާރީވެފައި ނުވާ އާއިލާއެއް އަނެއްކާވެސް ސްރީލަންކާގެ ވެރިކަމަށް އައިސްފައިވާ އިރު އެގައުމާއި ބޭރު ދުނިޔޭގެ ގިނަ ބަޔަކު ތިބީ ނުތަނަވަސްވެފައެވެ. ނަމަވެސް އެންމެންގެ އުންމީދު އޮތީ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ގައުމު ހިންގަވާނެ ގޮތެއް ބަލާލުމަށެވެ. ވައުދުވީ ފަދަ އިންސާފުވެރި، ނަސްލީ އަދި ދީނީ ތަފާތުކުރުންތައް ނުގެންގުޅޭ ވެރިކަމެއް ދެކުމަށެވެ. އަދި ތާރީހު އިޔާދަވިޔަ ނުދިނުމަށެވެ.